ކ. މާލެ
|
18 ނޮވެންބަރ 2017 | ހޮނިހިރު 14:32
އެންޓޮއިން ގްރީޒްމަން - ވޯލްޑް ކަޕަށް ފަހު އޭނާ ބާސާގެ ޖާޒީގައި ފެނިގެންދިޔުމަކީ އެކަށީގެންވާ ކަމެއް
އެންޓޮއިން ގްރީޒްމަން - ވޯލްޑް ކަޕަށް ފަހު އޭނާ ބާސާގެ ޖާޒީގައި ފެނިގެންދިޔުމަކީ އެކަށީގެންވާ ކަމެއް
ޓްވިޓަރ
ގްރީޒްމަންގެ ޓްރާންސްފާ
ގްރީޒްމަން ބާސާއަށް ބަދަލުވާން އުޅޭ ކަމުގެ އިޝާރާތެއް ވަލްވާޑޭ ދީފި
 
އަންނަ އަހަރު ރަޝިއާގައި އޮންނަ ވޯލްޑް ކަޕް ނިންމާލުމަށް ފަހު ގްރީޒްމަން ފެނިގެންދާނީ ބާސާގެ ކުޅުންތެރިޔެއްގެ ގޮތުގައި ކަމަށް ރިޕޯޓުތައް ބުނޭ
 
އޭނާގެ ޓްރާންސްފަ ފީގެ ގޮތުގައި ބާސާއިން 90 މިލިއަން ޔޫރޯ ދިނުމަށް ވަނީ ނިންމާފައި

އެޓްލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ބާސެލޯނާއަށް ބަދަލުވާން އުޅޭ ކަމުގެ އިޝާރާތެއް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ދީފިއެވެ.

މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ބާސައަށް ކުޅުނު ނޭމާ ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވުމާއި ގުޅިގެން އެ ކްލަބުން އަންނަނީ ފޯވާޑެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. މަޝްހޫރު ކުޅިވަރު ވެބްސައިޓް 'އީއެސްޕީއެން' އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އަންނަ އަހަރު ރަޝިއާގައި އޮންނަ ވޯލްޑް ކަޕް ނިންމާލުމަށް ފަހު ގްރީޒްމަން ފެނިގެންދާނީ ބާސާގެ ކުޅުންތެރިޔެއްގެ ގޮތުގައެވެ. އެގޮތުން އުމުރުން 26 އަހަރުގެ ފޯވާޑުގެ ޓްރާންސްފަ ފީގެ ގޮތުގައި ބާސާއިން 90 މިލިއަން ޔޫރޯ ދިނުމަށް ނިންމާފައިވާ ކަމަށް ވެސް ރިޕޯޓު ކޮށްފައިވެއެވެ.

އެޓްލެޓިކޯ މެޑްރިޑުގައި ހުރެ މުބާރާތްތައް ކާމިޔާބު ނުކުރެވޭތީ ގްރީޒްމަން ހިތްހަމަނުޖެހުން ފާޅުކޮށްފައިވެއެވެ. އެ ޓީމުގެ މިޑްފީލްޑަރު ކޯކޭ ބުނެފައިވަނީ ގްރީޒްމަން ޓީމުގައި މަޑުކުރަން ބޭނުން ނުވާނަމަ އެންމެ ރަނގަޅު ގޮތަކީ ވީހާވެސް އަވަހަށް އެހެން ޓީމަކަށް ބަދަލުވުން ކަމަށެވެ.

ބާސާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ވެސް ވަނީ ގްރީޒްމަން ގެންނަން ބޭނުންވާ ކަމުގެ އިޝާރާތެއް ދީފައެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަލްވާޑޭ ބުނީ ގްރީޒްމަން ބާސާއަށް ބަދަލުވާން އުޅޭ ކަމުގެ ވާހަކައިގައި މިވަގުތު އެއްވެސް ހަގީގަތެއް އެކުލެވިގެން ނުވާ ކަމަށާއި އެހެނަސް އޭނާއަކީ ބާސާއަށް ކުޅުމުގު ހުނަރު ހުރި މޮޅު ކުޅުންތެރިޔެއް ކަމަށެވެ. އަދި ބާސާގައި މިވަގުތު ތިބި ކުޅުންތެރިންނާއި މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި އެހެނަސް ގްރީޒްމަން ފަދަ  ކުޅުންތެރިޔަކު ޓީމާއި ގުޅުމަކީ މުސްތަގުބަލުގައި އެކަށީގެންވާ ކަމެއް ކަމަށެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކްލަބުގެ ޒުވާން މިޑްފީލްޑަރު ޑެނިސް ސުއަރޭޒް އެހެން ޓީމަކަށް ބަދަލުވެދާނެ ކަމުގެ އިޝާރާތެއް ވެސް ވަލްވާޑޭ ވަނީ ދީފައެވެ. މި ސީޒަނުގައި ފުރަތަމަ 11 ގައި ހިމެނިގެން އެންމެ ދެ މެޗު ކުޅުނު ޑެނިސް ސުއަރޭޒް އަންނަ ސީޒަނުގައި ނަޕޯލީއަށް ބަދަލުވާން އުޅޭ ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ. މި ރިޕޯޓުތަކާއި ގުޅޭގޮތުން ވަލްވާޑޭ ބުނެފައިވަނީ ނޫސްވެރިން ފަތުރާ ވާހަކަތަކަށް އެއްޗެއް ބުނެވެން ނެތް ކަމަށާއި އެހެނަސް ބާސާގައި އޭނާ މަޑުކުރާނީ މި ސީޒަނުގައި ދައްކާ ކުޅުމަށް ބެލުމަށް ފަހު ކަމަށެވެ.

ބާސާގެ ޑިފެންސަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް އައު ޑިފެންޑަރެއް ނުގެންނާނެ ކަމަށް ވަލްވާޑޭ ވަނީ ބުނެފައެވެ. މިވަގުތު ބާސާގެ ޑިފެންސްގެ އެކި މަގާމުތަކަށް ކުޅެން ތިބީ އެކަމަށް އެންމެ އެކަށީގެންވާ ކުޅުންތެރިން ކަމަށް ވަލްވާޑޭ ވަނީ ބުނެފައެވެ. އަދި ކުޅުންތެރިޔެއް ނެތް ހާލަތެއްގައި ޒުވާން ޓީމުން ވެސް ކުޅުންތެރިން ގެނެވިދާނެ ކަމަށް ވަލްވާޑޭ ވަނީ ބުނެފައެވެ.

ގްރީޒްމަން ބާސާއަށް ބަދަލުވާން އުޅޭ ކަމުގެ އިޝާރާތެއް ބާސާގެ ކޯޗު ކޮށްފައިވާއިރު އޭނާ ހޯދުމަށް ޔޫރަޕުގެ މަޝްހޫރު ޓީމުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ފްރާންސްގެ ޕީއެސްޖީ އާއި އިނގިރޭސިވިލާތުގެ ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް ހިމެނެއެވެ.   

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
60%
0%
20%
0%
20%
ކޮމެންޓް