ކ. މާލެ
|
18 ނޮވެންބަރ 2017 | ހޮނިހިރު 14:58
ލިއޮނެލް މެސީ - އަދިވެސް ބާސާ އާއިއެކު ހަދާފައިވާ ކޮންޓްރެކްޓް އޭނާ އައު ކޮށްފައެއް ނުވޭ
ލިއޮނެލް މެސީ - އަދިވެސް ބާސާ އާއިއެކު ހަދާފައިވާ ކޮންޓްރެކްޓް އޭނާ އައު ކޮށްފައެއް ނުވޭ
ގެޓީ އިމޭޖަސް
ލިއޮނެލް މެސީ
މެސީގެ ކޮންޓްރެކްޓާއި މެދު ކަންބޮޑުނުވޭ: ވަލްވާޑޭ
 
ފިނި މޫސުމުގެ ޓްރާންސްފާގައި އޭނާއަށް އެހެން ކްލަބްތަކާއެކު ޓްރާންސްފާގެ މަޝްވަރާތައް ކުރިޔަށް ގެންދެވޭނެ
 
މެސީ ހަދާފައިވާ ކޮންޓްރެކްޓް އަންނަ އަހަރުގެ ޖޫން މަހަށް ހަމަވާނެ

ބާސެލޯނާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީގެ ކޮންޓްރެކްޓާއި މެދު ކަންބޮޑުނުވާ ކަމަށް އެ ޓީމުގެ ކޯޗު އާނެސްޓޯ ވަލްވާޑެ ބުނެފިއެވެ.

ބާސާ އާއިއެކު މެސީ ހަދާފައިވާ ކޮންޓްރެކްޓް އަންނަ އަހަރުގެ ޖޫން މަހަށް ހަމަވާނެއެވެ. މިއަންނަ ޑިސެމްބަރު މަސް ނިމުމުގެ ކުރިން މެސީ އައު ކޮންޓްރެކްޓެއްގައި ސޮއި ނުކޮށްފިނަމަ ފިނި މޫސުމުގެ ޓްރާންސްފާގައި އޭނާއަށް އެހެން ކްލަބްތަކާއެކު ޓްރާންސްފާގެ މަޝްވަރާތަށް ކުރިޔަށް ގެންދެވޭނެއެވެ. އަދި ފިނި މޫސުމުގެ ޓްރާންސްފާގައި މެސީ އެހެން ކްލަބަކަށް ބަދަލުވެއްޖެ ނަމަ އޭނާގެ ޓްރާންސްފާ ފީގެ ގޮތުގައި އެއްވެސް އަދަދެއް ދައްކަން ނުޖެހޭނެއެވެ.

މިކަމާއި ގުޅޭގޮތުން ވަލްވާޑޭ ބުނެފައިވަނީ އޭނާ ކޮންޓްރެކްޓް އައު ކުރާނެ ކަމަށާއި އެކަމާއި މެދު އެއްވެސް ހާސް ކަމެއް ނެތް ކަމަށެވެ. ސަޕޯޓަރުން ވެސް މެސީ އެހެން ކްލަބަކަށް ބަދަލުވެދާނެ ކަމަށް ހީކޮށް ކަންބޮޑުނުވުމަށާއި މެސީ ކޮންޓްރެކްޓް އައުކޮށް ބާސާގައި ދެމިހުންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވަލްވާޑޭ ވަނީ ބުނެފައެވެ.  

މެސީގެ ކުރިމަގާއި މެދު ސުވާލު އުފެދިފައިވާއިރު މިދިޔަ ޖުލައި މަހު ބާސާއިން ބުނެފައިވަނީ 2021 ވަނަ އަހަރާ ހަމަޔަށް މެސީ ބާސާގައި މަޑުކުރަން އެއްބަސްވެފައިވާ ކަމަށާއި އެއްބަސްވުމުގައި މަދުވަނީ ހަމައެކަނި އޭނާގެ ސޮއެ  ކަމަށެވެ. ބައެއް މީޑިއާ ތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ކޮންޓްރެކްޓްގައި ހުރި ބައެއް ކަންކަމާއިމެދު މެސީ ހިތްހަމަނުޖެހުން ފާޅު ކޮށްފައިވެއެވެ.  

ބާސާގެ ރައީސް ވެސް ދާދިފަހުން ބުނެފައި ވަނީ މެސީ ބާސާގައި މަޑުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. ސްޕެނިޝް ލަލީގާގެ ރައީސް ހަވިޔާ ޓޭބާސް ވެސް ވަނީ މި ބީދައިން ވާހަކަ ދައްކާފައެވެ. ހަމައެހެންމެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މެސީގެ ކޮންޓްރެކްޓްގައި އޭނާގެ ބައްޕަ ވަނީ ސޮއެ ކޮށްފައެވެ. އެހެނަސް ބާސާ އަދި މެސީ ވެސް މިކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

މެސީ ހޯދުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީ އިންނެވެ. އެގޮތުން އެ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ މީގެކުރިން މެސީއަށް ކޯޗުކަން ކޮށްދީފައިވާއިރު ބެލެވޭ ގޮތުގައި މެސީ ބާސާ ދޫކޮށްލާނަމަ ގުޅޭނީ އެ ޓީމާއެވެ. އެހެން ނަމަވެސް މެސީ ބުނެފައި ވަނީ އޭނާ ބާސާ ދޫކޮށްލާނީ އޭނާ އެންމެ ކުޑައިރު ކުޅުނު ޓީމު ކަމަށްވާ އާޖެންޓީނާގެ ނިއު ވެލްސް އޯލްޑް ބޯއިސްއަށް ކަމަށެވެ.

ބެލެވޭ ގޮތުގައި މިއަންނަ ޑިސެމްބަރު މަސް ނިމުމުގެ ކުރިން މެސީ އައު ކޮންޓްރެކްޓްގައި ސޮއެ ކުރާނެއެވެ. އަދި އޭނާގެ މުޅި ފުޓްބޯޅަ ކެރިއަރު ވޭތުކުރާނީ ބާސާގައެވެ. މެސީއަކީ ބާސާގެ އެންމެ މުހިންމު ކުޅުންތެރިޔާއަށް ވާއިރު އޭނާގެ ކޮންޓްރެކްޓް އައު ކުރުމަކީ އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެވެ.

ބާސާގެ ޖާޒީގައި މެސީ 600 މެޗު ކުޅެފައިވާއިރު އޭނާ ވަނީ އެ ޓީމަށް 523 ލަނޑު ޖަހައިދީފައެވެ. އަދި އޭނާ ވަނީ ބާސާ އާއިއެކު 29 ތަށި ކާމިޔާބު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
67%
0%
0%
33%
0%
ކޮމެންޓް