ކ. މާލެ
|
18 ނޮވެންބަރ 2017 | ހޮނިހިރު 00:30
ރައީސް އަބްދުﷲ ޔާމީން ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ
ރައީސް އަބްދުﷲ ޔާމީން ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ
ގޫގުލް
ރައީސް ޔާމީން
މި ސަރުކާރު އައިރު ކަރަންޓް ނުލިބޭ ރަށްތައް ހުރި: ރައީސް
 
ނިސްބަތުން ކޮންމެ ރަށެއްގައި ނުވަ މަޝްރޫއަށް ވާ ވަރަށް މަސައްކަތް ނިންމާފައިވޭ
 
ކަރަންޓުގެ އަގަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ވިދާޅުވި

އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ކަރަންޓްގެ ހިދުމަތް ފޯރުކޮށްނުދޭ ރަށްތައް ހުރި ކަމަށާއި އެހެން ނަމަވެސް މި ސަރުކާރުން ވަނީ ހުރިހާ ރަށެއްގައި 24 ގަޑިއިރު ކަރަންޓް ފޯރުކޮށްދޭން ފަށާފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

މި ސަރުކާރަށް ހަތަރު އަހަރު ފުރުން ފާހަގަ ކުރުމަށް ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރައްދުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމިން ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު ބައެއް ރަށްރަށުގައި ކަރަންޓް ފޯރުކޮށްދެމުން ނުދާ ކަމަށާއި ހުރިހާ ރަށަކަށް ޖަނަރޭޓަރު ހަމަ ޖައްސާދިނީ މި ސަރުކާރުން ކަމަށެވެ.

"އަބަދުވެސް އަޅުގަނޑަށް އަމާޒުވެގެން އަންނަ ފާޑުކިޔުމަކީ ކުރީގައި ކުރެވިފައި ނެތްކަމެއް ކުރެވުނީމަ އެކަމަކާ ދޭތެރޭގައި އަންނަ ފާޑުކިޔުންތައް. ކަރަންޓާ ގުޅޭ ގޮތުން އޭރަކު ނުދައްކާ، 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ރަށަކަށް ކަރަންޓް ޔަގީންވެގެންދާ ވާހަކަ. އެހެންވީމަ ކިހިނެތްތޯ އެރަށްރަށުގެ ކަރަންޓާ ބެހޭ ގޮތުން ވާހަކަ ދައްކާނީ. ބައެއް ރަށްރަށުގައި ކަރަންޓެއް ނުވެސް ހުރޭ. އަޅުގަނޑުމެންގެ މަސައްކަތުން ހުރިހާ ރަށެއްގައި ޖަނަރޭޓަރު ހަމަކޮށް 24 ގަޑިއިރު ކަރަންޓް ހަމަ ޖައްސާދިނީމަ މިހާރު އަޅުގަނޑުމެނަށް މި އެނގުނީ ދިވެހިރާއްޖޭގެ ރައްޔިތުން ތަރައްގީ އާއި ތަހްޒީބަށް ބޭނުން ވެފައިވާ މިންވަރު،" އެމަނިކުފާނު ވިދާޅުވި އެވެ.

އެ މަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު ކަރަންޓް ނެތް ރަށްތައް ހުރި ކަމަށް ވިދާޅުވި ނަމަވެސް، ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުގައި ހުރިހާ ރަށަކަށް ވަނީ ކަރަންޓްގެ ހިދުމަތް ފޯރުކޮށްދީފަ އެވެ. 

 

ބޯފެނާއި ކަރަންޓްގެ ހިދުމަތް ދެމުންނުދާތީ މީގެ ކުރިން އެ ހިދުމަތްތަކުގެ އަގު ހެޔޮ ކުރެވިދާނެތޯ ރައްޔިތުން ސުވާލު ނުކުރާ ކަމަށް ފާހަގަ ކުރައްވައި، ރައީސް ޔާމިން ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި ކަރަންޓްގެ އަގުތަކަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ. އަދި ރަށްރަށުގައި ސަޕްލައި ފެން ވިއްކާނީ ވެސް މާލެއާ އެއް އަގެއްގައި ކަމަށް އޭނާ ފާހަގަ ކުރެއްވެވި އެވެ. 

ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 20 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

"އޭގެ ނަތީޖާއަކީ 1800 މިފަދަ މަޝްރޫއު މުޅި ރާއްޖޭގައި ނިމިގެން ގޮސްފައި މިވަނީ. 1800 މަޝްރޫއުއަކީ، ތި ހީފުޅު ކުރައްވަނީ ރަނގަޅަށް. ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށް ބަލާނަމަ ކޮންމެ ރަށަކަށް އެވްރެޖްކޮށް ނުވަ މަޝްރޫއަށް ވުރެ ގިނަ މަޝްރޫއު ޖެހޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށަށް ސިޔާސީ އިދިކޮޅު ލީޑަރުން ޒިޔާރަތް ކުރެއްވުމަށް ގޮވާލައްވައި، މާލޭގައި ހިންގާފައިވާ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދެއްކެވި އެވެ.

"މާލޭގެ މަލަމައްޗަށް އައިސްފައިވާ ބަދަލު ކުރީގެ ގޫގުލް ޗާޓަކުން ނުފެންނާނެ. އެހެންވެ ކަންނޭނގެ އަޅުގަނޑުމެންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ވިދާޅުވީ މިހާރު އެމެރިކާއިން އެބަ ލޯންޗުކުރަން ޖެހެ އޭ މާލެއާ ދިމާލަށް. އަޅުގަނޑު ހަމަ ކުރީގައި ރައީސުންކުރި ބޭފުޅުންނަށް ދަންނަވަންވީ އެ ބޭފުޅުން ކަމެއް ކޮށްދެއްވާ ކަމަށްވާނަމަ މި ފަދަ ސެޓެލައިޓެއް ލޯންޗުކުރުމަށް އެ ބޭފުޅުން، އެބޭފުޅުންގެ ބައިވެރިންނާއެކު މަސައްކަތް ކޮށްދެއްވާށޭ. އޭރުން ހަމަ ގައިމުވެސް ތަރައްގީ އަންނަ ވަރު ފެނިގެންދާނެ،" ރައީސް ޔާމިން ވިދާޅުވި އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
50%
50%
ކޮމެންޓް
18 ނޮވެންބަރ 2017 | ހޮނިހިރު 12:52
އިބުރާހިމް ރަޝީދު
ރައީސްކުރެން އައްސަވާ ބައްލަވާ އެއީ ކޮންރަށެއްތޯ؟ ކަޑައެޅިގެން އިތުރުފުޅެއް އެހައްދަވަނީ