ކ. މާލެ
|
18 ނޮވެންބަރ 2017 | ހޮނިހިރު 08:42
ޒިމްބާބްވޭގެ ރައީސް މުގާބޭ
ޒިމްބާބްވޭގެ ރައީސް މުގާބޭ
ރޮއިޓަރސް
ޒިމްބާބްވޭގެ މަސްރަހު
ޒިމްބާބްވޭގެ "ބަޣާވާތް" ނިއުޅެމުންދާ ގޮތައް ނަޒަރެއް!
 
އެމެރިކާ އިން ބުނެފައި ވަނީ ޒިމްބާބްވޭ އަށް "އާ ޒަމާނެއް" އަންނަތަން ބަލަން ބޭނުންވާ ކަމަށް
 
އަސްކަރިއްޔާ އިން ބުނަނީ "ބަޣާވާތެއް" ނުގެންނަ ކަމަށް
 
އަސްކަރިއްޔާ އިން ވަނީ ގައުމުގެ ކޮންޓްރޯލް ނަގާފަ

މިދުވަސްކޮޅަކީ ޒިމްބާބްވޭ ވާހަކަ މީޑިއާގެ ފަލަ ސުރުޚީތަކުގައި ފަވާލެވިފައިވާ ދުވަސްކޮޅެކެވެ. ޒިމްބާބްވޭގެ އަސްކަރިއްޔާގެ އަތްދަށަށް ގައުމު ގެނެސްފައިވާއިރު އަސްކަރިއްޔާ އިން ތަކުރާރުކޮށް ބުނަމުން ދަނި ގައުމަށް ގެނެސްފައި ވަނީ "ބަޣާވާތެއް" ނޫން ކަމަށެވެ. ދެން މިވަނީ ކިހިނެއްތޯއެވެ.

 

އަސްކަރިއްޔާ އިން ބުނެފައި ވަނީ ޒިމްބާބުވޭގެ ރައީސް ރޮބާރޓް މުގާބޭއާ ދެކޮޅު ހަރަކާތެއް ނުހިންގާ ކަމަށާއި އަސްކަރިއްޔާއިން މަސައްކަތްކުރަނީ މުގާބޭގެ އަރިހުގައި ތިބި މުޖުރިމުން ހައްޔަރުކުރުމަށް ކަމަށެވެ. ހަމައެހެންމެ، އަސްކަރިއްޔާ އިން ބުނަމުން ދަނީ މުގާބޭގެ އަރިހުގައި ގައުމު ހިންގަން ތިބި މީހުން ގައުމު ހިންގާ ގޮތާ ދޭތެރޭގައާއި އަދި ރައްޔިތުންނާ ދޭތެރޭ ކަންކަން ކުރަމުން ގެންދާ ގޮތާދޭތެރޭގައި ވަރަށް ހިތްހަމަ ނުޖެހޭ ކަމަށެވެ. އެގޮތުން ޒިމްބާބްވޭގައި އިޖްތިމާއީ އަދި އިގްތިސާދީ ހަމަނުޖެހުން އުފެއްދުމަށް މަސައްކަތްކުރާ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް އަސްކަރިއްޔާ އިން ބުނެފައިވެއެވެ. އަސްކަރިއްޔާ އިން މުގާބޭގެ ހާލަތާ ބެހޭގޮތުން ބުނަމުން ދަނީ މުގާބޭ ހުންނެވީ ހެޔޮހާލުގައި ކަމަށާއި މުގާބޭ ހުންނެވީ ގެކޮޅުގައި ބަންދުކޮށްފައި ކަމަށެވެ.

 

ޒިމްބާބްވޭގެ މައްސަލާގައި އެމެރިކާ އިން ބުނެފައި ވަނީ ޒިމްބާބްވޭ އަށް "އާ ޒަމާނެއް" އަންނަތަން ބަލަން ބޭނުންވާ ކަމަށެވެ. މާނައަކީ ގިނަ އަހަރުތަކެއްވަންދެން ވެރިކަން ކުރައްވަމުން ގެންދަވާ މުގާބޭ ވެރިކަމުން އެއްފަރާތައް ޖެހިވަޑައިގަތުން ކަމަށް މަސްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ބުނެއެވެ. ޒިމްބާބްވޭގެ މައްސަލާގައި ހުކުރު ދުވަހު، އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލާސަން ވިދާޅުވީ އާ މަގަކުން ހިނގަން ޒިމްބާބްވޭ އަށް ފުރުސަތު އެބައޮތް ކަމަށެވެ. އެ މަގަކީ ޑިމޮކްރެޓިކް އިންތިޚާބުތައް ބާއްވާ އަދި އިންސާނީ ހައްގުތަކަށް އިހުތިރާމު ކުރާ މަގަކަށް ވާންޖެހޭނެ ކަމަށް ޓިލާސަން ވިދާޅުވިއެވެ. ޓިލާސަން އިތުރަށް ވިދާޅުވީ ޒިމްބާބުވޭ އަށް ވީހާވެސް އަވަހަކަށް މަދަނީ ވެރިކަމެއް އަންނަން ޖެހޭ ކަމަށެވެ.

 

އަމިއްލަ ރުހުމުގައި ޒިމްބާބްވޭގެ ވެރިކަމުން ރޮބާރޓް މުގާބޭ ފެޔަށް ޖެހިވަޑައިގަންނަވަން އެގައުމުގެ އިދިކޮޅު ލީޑަރު މޯގަން ސްވަންގިރާއީ ވެސް ވަނީ ގޮވާލައްވާފައެވެ. ސްވަންގިރާއީ ވިދާޅުވީ ޒިމްބާބްވޭގެ ރައްޔިތުންގެ އެދުމާއި ރޫހާ އެއްގޮތަށް މުގާބޭ މިހާރު ވެރިކަމުން ފެޔަށް ޖެހިވަޑައިގަންނަވަން ޖެހޭ ކަމަށެވެ. ސްވަންގިރާއީ ވިދާޅުވީ ގާނޫނު އަސާސީން ބޭރުން ވެރިކަން ހޯދުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި، އާއްމު ހާލަތަށް ގައުމު ގެނެސް، ހުރިހާ ފަރާތެއް ބައިވެރިވާ ވަގުތީ ސަރުކާރެއް އެކުލަވާލަން ޖެހޭނެ ކަމަށެވެ.

 

ޒިމްބާބްވޭގައި 1980 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރައްވަނީ މުގާބޭ އެވެ. ރައީސް މުގާބޭގެ 37 އަހަރުވީ ޚުދުމުޚުތާރު ވެރިކަމަށް ލޮޅުން އަރާފަދަ ހާލަތަކަށް އެގައުމުގެ ކަންކަން ގޮސްފައި މިވަނީ ނައިބް ރައީސް ކަމުގައި ހުންނެވި އެމަސަން ނަންގަގްވާ މިމަހުގެ ހަވަނަ ދުވަހު މަގާމުން ދުރުކުރައްވާފައި ވަނިކޮށެވެ. އުމުރުފުޅުން 75 އަހަރުފުޅުގެ ނަންގަގްވާ މަގާމުން ދުރުކުރެވުނީ ރައީސް މުގާބޭއަށް ފަހު އެ ގައުމުގައި ވެރިކަން ކުރައްވާނެ ބޭފުޅަކަށް މުގާބޭގެ އަނބިކަބަލުން ގްރޭސް މުގާބޭ ޝައުގުވެރިކަން ފާޅުކުރައްވަމުން ގެންދަވަނިކޮށް ނަންގަގްވާވެސް އެކަމަށް ޝައުގުވެރިކަން ފާޅުކުރެއްވުމުން އުފެދުނު ހިތްހަމަ ނުޖެހުމާ ގުޅިގެންނެވެ.

 

އަސްކަރިއްޔާ އިން ގެކޮޅުގައި ބަންދުގައި ބަހައްޓާފައިވާ ޒިމްބާބްވޭގެ ރައީސް ރޮބާރޓް މުގާބޭ ގެ ފޮޓޯފުޅުތަކެއް އެގައުމުގެ ދައުލަތުގެ ނިއުސް މީޑިއާ ކަމަށްވާ "ދަ ހެރަލްޑް" އިން ވަނީ ފުރަތަމަ ފަހަރަށް، ބުރާސްފަތި ދުވަހު އާންމުކޮށްފައެވެ. ޒިމްމްބާބްވޭގެ އަސްކަރިއްޔާގެ އަތްދަށަށް ގައުމު ގެނެސްފައިވާއިރު، "ދަ ހެރަލްޑް" އިން އާންމުކޮށްފައިވާ ފޮޓޯތަކުން ފެނިގެން ދަނީ ރައީސް މުގާބޭ ހިނިފުޅުވަޑުވައި، އަސްކަރިއްޔާގެ ވެރިޔާ ކޮންސްޓަންޓިނޯ ޝިވެންގާ އާ ބައްދަލުކުރައްވާ މަންޒަރެވެ. އަދި އެހެން ފޮޓޯ އެއްގައި ދެކުނު އެފްރިކާގެ މަންދޫބުންތަކެއް ވެސް ފެނެއެވެ. މި ބައްދަލު ކުރެއްވުން އޮތީ ވެރިރަށް ހަރާރޭ ގައި ހުންނަ ރައީސްގެ ގަނޑުވަރުގައެވެ. ބައެއް މަސްދަރުތަކާ ހަވާލާދީ "ދަ ހެރަލްޑް" ގައި ބުނެފައި ވަނީ އަސްކަރިއްޔާގެ ވެރިޔާއާ މުގާބޭ ބައްދަލުކުރައްވާފައި ވަނީ ބުރާސްފަތި ދުވަހު ކަމަށެވެ.

 

ރައީސް މުގާބޭ ވެރިކަމުން ފައިބައިވަޑައިގަންނަވަން ނުއުޅުއްވައެވެ. ދެން ގައުމަށް ވެގެންދާނެ ގޮތަކީ ކޮބައިތޯއެވެ. އަސްކަރިއްޔާ އިން މުގާބޭ އަށް އިސްތިއުފާ ދެއްވަން މަޖުބޫރުކޮށްފާނެތޯއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
100%
0%
ކޮމެންޓް
23 ނޮވެންބަރ 2017 | ބުރާސްފަތި 10:22
ރައްޔިތުމީހާ
ރާއްޖޭގައި ވެރިކަންވައްޓާލިގޮތާއި ދެއްކިވާހަކަ ތަފާތު ހަމަ ބާޣީންނަށްވާނީ
18 ނޮވެންބަރ 2017 | ހޮނިހިރު 12:14
ހަދީ
ޒިމްބާބުވޭ ސިފައިން ކުރީމަ ރަނގަޅު. ރާއްޖޭގެ ސިފައިން ބާޣީންނަށްވަނީ