ކ. މާލެ
|
17 ނޮވެންބަރ 2017 | ހުކުރު 18:19
ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ
ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ
އަލީ ޔޫސުފް
ޖެންޑާ މިނިސްޓްރީ
ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 122 މައްސަލަ އޮކްޓޫބަރު މަހު ހުށަހަޅާފައިވޭ:ޖެންޑާ މިނިސްޓްރީ
 
ކުޑަކުދިންގެ ގިނަ ހައްގުތަކަށް އިހުމާލުވެފައިވާ މައްސަލަތައް ވަނީ ހުށަހެޅިފަ
 
ގެވެށި އަނިޔާއާއި ޖިންސި ތަފާތު ކުރުމުގެ ގިނަ މައްސަލަތައް ހުށަހެޅިފައިވޭ
 
ކުޑަކުދިންނަށް ބިރު ދައްކާ ނާޖާއިޒު ފައިދާ ނެގުމުގެ ގިނަ މައްސަލަތައް ހިމެނޭ

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 122 މައްސަލަ މިއަހަރުގެ އޮކްޓޫބަރު މަހު ރިޕޯޓް ކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބްތަކުން ދައްކައިފިއެވެ. 

ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކުގައި ބުނެފައިވާ ގޮތުގައި  މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ 45 އިންސައްތައެވެ.

ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބްތަކުގައި ބުނެފައިވާ ގޮތުގައި މިއަހަރުގެ އޮކްޓޫބަރު މަހު ޖުމްލަ 272 މައްސަލައެއް ވަނީ ޖެންޑާ މިނިސްޓްރީ އަށް ހުށަހެޅިފައެވެ. 

މިނިސްޓްރީގެ ތަފާސްހިސާބްތަކުގައި ބުނެފައިވާ ގޮތުގައި އެ މިނިސްޓްރީ އަށް ކުޑަކުދިންނާ ގުޅޭ ގޮތުން ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާއިރު އެންމެ ގިނައިން ހުށަހެޅިފައި ވަނީ ކުޑަކުދިންނަށް އިހުމާލްވުމުގެ މައްސަލަތަކެވެ. އެގޮތުން ކުޑަކުދިންނަށް އިހުމާލް ވުމުގެ 33 މައްސަލަ މިދިޔަ މަހުގެ ތެރޭގައި ހުށަހެޅިފައިވާ ކަމަށް ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބްތަކުގައި ބުނެފައިވެއެވެ. 

މި ބާވަތުގެ މައްސަލަތަކުގެ އިތުރުން ކުޑަކުދިންނަށް ކުރާ ޖިންސީ ހާނީއްކައިގެ 28 މައްސަލަ، އާއި ޖިސްމާނީ ހާނީއްކައިގެ 25 މައްސަލަ، އާއި އެހެން ކުދިންގެ ފަރާތުން ގޯނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 15 މައްސަލަ ،އާއި  ނަފްސާނީ ހާނީއްކައިގެ 9 މައްސަލަ، އާއި ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 9 މައްސަލަ، އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގޯނާލިބުމުގެ ނުވަތަ ސައިބަރ ބުލީންގގެ ޝިކާރައަކަށްވުމުގެ 2 މައްސަލަ އަދި ކުދިންގެ ނާޖާއިޒުފައިދާ ނެގުމުގެ 1 މައްސަލަ ހުށަހެޅިފައިވާ ކަމަށް ތަފާސްހިސާބްތަކުގައި ބުނެފައިވެއެވެ. 

މީގެއިތުރުން އެކިބާވަތުގެ ކުށްކުރާ ކުޑަކުދިންގެ 18 މައްސަލައެއް ހުށަހެޅިފައިވާ ކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ. އެގޮތުން މި ފަދަ މައްސަލަތަކުގެ ތެރޭގައި މާރާމާރީ ހިންގުމުގެ 6 މައްސަލަ، ތަންތަނަށާއި ތަކެއްޗަށް ގަސްދުގައި ގެއްލުންދިނުމުގެ 2 މައްސަލަ، ވައްކަންކުރުމުގެ 1 މައްސަލަ އަދި ތޫނު އެއްޗެހި ގެންގުޅުމުގެ 1 މައްސަލަ ހިމެނެއެވެ.

ހަމައެހެންމެ ކުޑަކުދިންގެ އަހުލާގީ ފެންވަރު ދަށްވެގެން 18 މައްސަލައެއް ހުށަހެޅިފައިވާ ކަމަށާއި މި ފަދަ މައްސަލަތަކުގެ ތެރޭގައި ސްކޫލަށް ދާން ބޭނުން ނުވުމުގެ 7 މައްސަލަ، ރުޅި އިސްކުރުން ނުވަތަ ރުޅިގަދަވެގެން އުޅުމުގެ 7 މައްސަލަ އަދި ގެއިން ނިކުމެގެން ދިޔުމުގެ 5 މައްސަލަ ހިމެނެއެވެ.

ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބްތަކުގައި ބުނެފައިވާ ގޮތުގައި ކުޑަކުދިން  ތަފާތުއެކި ހައްގުތަކުން މަހުރޫމް ކޮށްގެން 10 މައްސަލައެއް ވަނީ ހުށަހެޅިފައެވެ. މި ފަދަ މައްސަލަތަކުގެ ތެރޭގައި ތަޢުލީމަށް ހުރަސް އެޅުމުގެ 5 މައްސަލަ، ޞިއްޙީ ފަރުވާއަށް ހުރަސްއެޅުމުގެ 2 މައްސަލަ، އައި.ޑީ ކާޑު ނުވަތަ ޕާސްޕޯޓު ނުވަތަ އުފަންދުވަހުގެ ސެޓްފިކެޓް ނުހެއްދުމުގެ 1 މައްސަލަ، އުފަންވުން ރަޖިސްޓްރީ ނުކުރުމާބެހޭ 1 މައްސަލަ އަދި ބޯހިޔާވަހިކަން ފޯރުކޮށްނުދިނުމުގެ 1 މައްސަލަ ހިމެނެއެވެ.

ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބްތަކުގައި ބުނެފައިވާ ގޮތުގައި އާއިލީ މައްސަލައިގެ ގޮތުގައި 47 މައްސަލައެއް ވަނީ ހުށަހެޅިފައެވެ. މި ފަދަ މައްސަލަތަކުގެ ތެރޭގައި ކުދިން ބެލުމުގައި ދިމާވާ 25 މައްސަލަ، ޙަޟާނާ ނުވަތަ ކުދިންނާ ބައްދަލުނުކުރެވޭ  18 މައްސަލަ އަދި ދަރިންގެ ޚަރަދު ދިނުމުގައި ދިމާވާ 2 މައްސަލަ ހިމެނެއެވެ.

މީގެއިތުރުން ވަކި ޖިންސަކަށް ވީތީ އަދި ގެވެށި އަނިޔާގެ މައްސަލަތިގެ ގޮތުގައި 33 މައްސަލަ ވަނީ ހުށަހަޅާފައެވެ.

މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތަކެވެ. މި ގޮތުން ޖިސްމާނީ އަނިޔާކުރުމުގެ 17 މައްސަލައެއް މި މުއްދަތުގެ ތެރޭގައި ރިޕޯޓު ކޮށްފައިވެއެވެ.

މީގެ އިތުރުން މި ބާވަތުގެ މައްސަލަތަކުގެ ތެރޭގައި ބިރު ދެއްކުމަށް ކުރާ އެކިކަންކަމުގެ 5 މައްސަލަ، ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުންކުރެވޭ އަނިޔާގެ 5 މައްސަލަ، ބާރާއި ނުފޫޒު ފޯރުވުމުގެ 2 މައްސަލަ، ޖިންސީ ހާނިއްކަކުރުމުގެ 1 މައްސަލަ، އިހުމާލުވުމުގެ 1 މައްސަލަ، ނާޖާއިޒުފައިދާ ނެގުމުގެ 1 މައްސަލަ އަދި  މުދާ ހިފެހެއްޓުމާއި މުދަލަށް ގެއްލުންދިނުމުގެ 1 މައްސަލަ ހިމެނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް