ކ. މާލެ
|
16 ނޮވެންބަރ 2017 | ބުރާސްފަތި 12:41
އިޓަލީ ވޯލްޑް ކަޕުން ކެޓުމާއެކު ބުފޮން ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައި - ބުފޮން ބުނެފައިވަނީ ކޮލިފައި ނުވުމުގެ ޒިންމާ ހަމައެކަނި ކޯޗު ނަގަން ނުޖެހޭނެ ކަމަށް
އިޓަލީ ވޯލްޑް ކަޕުން ކެޓުމާއެކު ބުފޮން ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައި - ބުފޮން ބުނެފައިވަނީ ކޮލިފައި ނުވުމުގެ ޒިންމާ ހަމައެކަނި ކޯޗު ނަގަން ނުޖެހޭނެ ކަމަށް
ގެޓީ އިމޭޖަސް
އިޓަލީގެ ގައުމީ ޓީމު
އިޓަލީގެ ކޯޗުގެ މަގާމަށް ވަރުގަދަ ކޯޗެއް ގެންނަނީ!
 
އަންނަ ހަފްތާގެ ހޯމަ ދުވަހު އައު ކޯޗަކު އައްޔަނު ކުރާނެ
 
އެ މަގާމުގައި ހުރި ވެންޗޫރާ ވަނީ ބުދަ ދުވަހު ވަކިކޮށްފައި

ދުނިޔޭގެ ފުޓްބޯޅައިގެ ގަދަބާރެއް ކަމަށްވާ އިޓަލީގެ ކޯޗުގެ މަގާމަށް އަވަސް މުސްތަގުބަލެއްގައި ނަން މަޝްހޫރު މީހަކު އައްޔަނު ކުރެވިގެންދާނެ ކަމަށް އިޓަލީގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ވިދާޅުވެއްޖެއެވެ.

އަންނަ އަހަރު ރަޝިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕުގެ ޖާގައެއް ނުލިބުމުގެ ސަބަބުން އެ ގައުމުގެ ކޯޗުގެ ގޮތުގައި ހުރި ޖިއަން ޕިއެރޯ ވެންޗޫރާ ވަނީ ބުދަ ދުވަހުގެ ވަގުތެއްގައި އެ މަގާމުން ވަކިކޮށްފައެވެ. އިޓަލީ ހިމެނުނު ކޮލިފައިންގެ ގްރޫޕުން އެ ޓީމަށް ދެވަނަ ލިބުމާއި ވިދިގެން ކުޅުނު ޕްލޭއޮފް މެޗުގައި ސްވިޑެން އަތުން އެ ޓީމު ބަލިވެފައިވަނީ 1-0 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. މި ނާކާމިޔާބު ވެގެން ގޮސްފައިވަނީ 1958 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުގެ ޖާގައެއް އިޓަލީއަށް ގެއްލުނު ފަހަރަށެވެ.

މިކަމުގެ ޒިންމާ އެ މަގާމުގައި އޭރުހުރި ކޯޗު ވެންޗޫރާ ނަގަން ޖެހޭނެ ކަމަށް ގިނަ ބަޔަކު ބުނަމުން އަންނައިރު ޓީމުގެ ބައެއް ކުޅުންތެރިން ވެސް ވަނީ އޭނާ އާއި މެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. އެގޮތުން ކޮލިފައިންގެ ދެވަނަ ލެގުގެ ފަހު މިނެޓުތަކުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ފޯވާޑެއް ނޭރުވުމުން އެ ޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު ޑެނިއެލޭ ޑެރޮސީ ވަނީ ކޯޗާއި ޒުވާބުކޮށްފައެވެ.

އިޓަލީގެ ފުޓްބޯލް އެސޯސިއޭޝަނުގެ ރައީސް ކާލޯ ޓަވޭޗިއޯ ވިދާޅުވީ ވެންޗޫރާ އާއި ވާހަކަ ދެއްކުމަށް ފަހު އޭނާ ގައުމީ ޓީމުގެ ކޯޗު ކަމުން ވަކިކޮށްފައިވާ ކަމަށް އޭނާއަށް އެންގި ކަމަށެވެ. ހަމައެހެންމެ ހުސްވެފައިވާ ކޯޗުގެ މަގާމަށް ވަރަށް މުހިންމު ނަންތަކެއް ހުށަހެޅިފައިވާ ކަމަށާއި ކޯޗެއް އައްޔަނު ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ. 

ޓަވޭޗިއޯ ވިދާޅުވީ އަންނަ ހަފްތާގެ ހޯމަ ދުވަހު ބާއްވާ އިޓަލީގެ ފުޓްބޯލް އިދާރާގެ ފެޑެރަލް ކައުންސިލުގެ ބައްދަލުވުމެއްގައި އިޓަލީގެ ކޯޗުގެ މަގާމަށް މީހަކު އައްޔަނުކުރަން ނިންމާފައިވާ ކަމަށެވެ.

ފުޓްބޯޅައިގެ ހަރަކާތްތައް ދިރާސާކުރާ މާހިރުން ބުނަމުންދާ ގޮތުގައި މި މަގާމަށް އައުން އެންމެ އެކަށީގެންވަނީ ބަޔާން މިއުނިކްގެ ކޯޗުކަމުން ދާދިފަހުން ވަކިކުރި ކާލޯ އަންޗެލޯޓީއެވެ.

 ހަމައެހެންމެ ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވެސް މި މަގާމަށް އައުން އެކަށީގެންވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ކޮންޓޭގެ އިރުޝާދުގެ ދަށުން އިޓަލީގެ ޓީމު ވަނީ މީގެކުރިން ރަނގަޅު ނަތީޖާތަކެއް ހޯދާފައެވެ. އެގޮތުން އެވަރެޖް ކުޅުންތެރިންނާއެކު އެ ޓީމު ވަނީ 2016 ވަނަ އަހަރު ފްރާންސްގައި ބޭއްވި ޔޫރޯ ފުޓްބޯލް މުބާރާތުގެ ކުއާޓާ ފައިނަލުގައި ވާދަކޮށްފައެވެ.

މީގެއިތުރުން ނަޕޯލީގެ ކޯޗު މައުރީޒިއޯ ސައްރީ އާއި ޔުވެންޓަސް އާއެކު ގިނަ ކާމިޔާބީތަކެއް ހޯދަމުން އަންނަ އެ ޓީމުގެ ކޯޗު މަސީމޯ އަލެގްރީގެ އިތުރުން މެންޗެސްޓާ ސިޓީގައި ކާމިޔާބު ސީޒަންތަކެއް ވޭތުކުރި ރޮބާޓޯ މަންސިނީ ވެސް މި މަގާމާއި ހަވާލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ވެންޗޫރާގެ ބަދަލުގައި އައު ކޯޗެއް އިޓަލީއިން ހޯދަމުން އަންނައިރު އެ ޓީމުގެ ސީނިއާ ބައެއް ކުޅުންތެރިން ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް