ކ. މާލެ
|
15 ނޮވެންބަރ 2017 | ބުދަ 23:13
ފީފާގެ މައި އޮފީސް - އެ އިދާރާ އާ ގުޅުން އޮތް އެތަކެއް އޮފިޝަލުންގެ މައްޗަށް ވަނީ ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައި
ފީފާގެ މައި އޮފީސް - އެ އިދާރާ އާ ގުޅުން އޮތް އެތަކެއް އޮފިޝަލުންގެ މައްޗަށް ވަނީ ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައި
ގެޓީ އިމޭޖަސް
ފީފާގެ ކޮރަޕްޝަން
ފީފާގެ ކޮރަޕްޝަންގައި ތުހުމަތު ކުރެވުނު އޮފިޝަލަކު އަމިއްލައަށް މަރުވެއްޖެ
 
އޭނާގެ މައްޗަށް ކުރެވުނީ ރިޝްވަތުގެ ގޮތުގައި 2 މިލިއަން ޑޮލަރު ނެގި ކަމުގެ ތުހުމަތު
 
ފީފާގެ ކޮރަޕްޝަންގައި ބައިވެރިވި ކަމުގެ ތުހުމަތު ކުރެވުނު އާޖެންޓީނާގެ ހޯސޭ ޑެލްހޯން ވަނީ އަމިއްލައަށް މަރުވެފައި

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ކަމަށްވާ ފީފާއިން ހިންގި ކޮރަޕްޝަންގައި ބައިވެރިވި ކަމުގެ ތުހުމަތު ކުރެވުނު އިސް އޮފިޝަލަކު އަމިއްލައަށް މަރުވެއްޖެއެވެ.

ފީފާގެ ކޮރަޕްޝަންގައި ބައިވެރިވި ކަމުގެ ތުހުމަތު ކުރެވުނު އާޖެންޓީނާގެ ހޯސޭ ޑެލްހޯން ވަނީ އާޖެންޓީނާގެ ވެރިކަން ކުރާ ރަށް ކަމަށްވާ ބުއެނޯސް އެރީސްގެ ރަށް ބޭރު ސަރަހައްދެއްގެ ރޭލެއް ދަށުވެ އަމިއްލައަށް މަރުވެފައެވެ. އާޖެންޓީނާގެ ފުލުހުން ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ.

ނިއު ޔޯކްގައި މިހާރު ކުރިޔަށްދާ ފީފާގެ ކޮރަޕްޝަން މައްސަލައިގެ ޝަރީއަތުގައި ބުދަ ދުވަހު ބޭއްވި އަޑުއެހުމުގައި އާޖެންޓީނާގެ ކުޅިވަރުގެ މައިދާނުގައި ހަރަކާތްތެރިވާ މާކެޓިން އެގްޒެކްޓިވްއެއް ކަމަށްވާ އަލެހަންދްރޯ ބްރަޒާކޯ ބުނެފައިވަނީ 2011 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމަޔަށް ކޮންމެ އަހަރަކު ޑެލްހޯންއަށް ފަސް ލައްކަ ޑޮލަރު ދީފައިވާ ކަމަށެވެ.

އެގޮތުން މުޅި ޖުމްލަ ދެ މިލިއަން ޑޮލަރު އޭނާއަށް ދީފައިވާ ކަމަށާއި މި ފައިސާއަކީ ފުޓްބޯޅަ މެޗުތައް ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ނާޖާއިޒު ގޮތުގައި ހޯދުމަށް ޑެލްހޯންއަށް ދިން ފައިސާ ކަމަށް ބްރަޒާކޯ ވަނީ ޝަރީއަތުގައި ބުނެފައެވެ.  އޭނާ އާއި ދެކޮޅަށް ހެކިބަސް ދިންތާ މާ ގިނައިރުތަކެއް ނުވަނީސް އޭނާ ވަނީ އަމިއްލައަށް މަރުވެފައެވެ. ޑެލްހޯން އޭރު މަސައްކަތް ކުރަމުންދިޔައީ އާޖެންޓީނާގެ ސަރުކާރުގެ ޕްރޮގްރާމެއްގެ ވަކީލެއްގެ ގޮތުންނެވެ.

ޑެލްހޯންގެ އިތުރުން ބްރެޒިލްގެ ފުޓްބޯލް އެސޯސިއޭޝަންގެ ކުރީގެ ރައީސް ހޯސޭ މާރިއާ މަރިން އާއި ފީފާގެ ކުރީގެ ނައިބު ރައީސް ހުއާން އެންހެލް ނަޕޯޓްގެ އިތުރުން ޕެރޫގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ކުރީގެ ރައީސް މެނުއެލް ބްރާގާއަށް ވެސް ވަނީ މި ތުހުމަތުތައް ކުރިމަތިވެފައެވެ. އެގޮތުން ދެކުނު އެމެރިކާގެ ގައުމުތަކުގައި ބާއްވާ ބޮޑެތި ފުޓްބޯޅަ މުބާރާތުގެ ކޮންޓްރެކްޓްތައް ކުންފުނިތަކައް ދޭގޮތަށް، އެ ކުންފުނިތަކުން މި އޮފިޝަލުން ރިޝްވަތުގެ ފައިސާ ނަގާފައިވާ ކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ. އެހެނަސް ހުރިހާ އޮފިޝަލުން ވެސް ވަނީ މި ތުހުމަތުތަކައް އިންކާރުކޮށްފައެވެ.

ނިއު ޔޯކުގައި މިހާރު ކުރިޔަށްދާ ޝަރީއަތް ފަސް ހަފްތާއަށް ދިގު ދެމިގެންދާނެ ކަމަށް ބެލެވޭއިރު ޕްރޮސެކިއުޓަރުން ވަނީ އެތައް ބައެއްގެ ހެކި ބަސް ނަގާފައެވެ. ހަމައެހެންމެ 350000 ސަފްހާގެ ހެކި ވެސް ވަނީ ކޯޓަށް ހުށަހަޅާފައެވެ. ފީފާގެ މި ބޮޑު ކޮރަޕްޝަންގެ މައްސަލަ އެންމެ ފުރަތަމަ ފެންމަތިވެފައިވަނީ 2015 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
100%
0%
0%
0%
0%
0%
ކޮމެންޓް