ކ. މާލެ
|
14 ނޮވެންބަރ 2017 | އަންގާރަ 20:47
ސްވިޑެން އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެ އިޓަލީ ކެޓި މެޗަށް ފަހު ބުފޮން
ސްވިޑެން އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެ އިޓަލީ ކެޓި މެޗަށް ފަހު ބުފޮން
ގެޓީ އިމޭޖަސް
ބުފޮން ރިޓަޔާކުރުން
ފެންކަޅިވެހުރެ ބުފޮން ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނު ކޮށްފި
 
20 އަހަރަށް ދިގުދެމިގެންދިޔަ ކެރިއަރުގައި ބުފޮން ވަނީ އިޓަލީގެ ގައުމީ ޓީމަށް 175 މެޗު ކުޅެދީފަ
 
މިއީ 1958 ވަނަ އަހަރުގެ ފަހުން އިޓަލީގެ ގައުމީ ޓީމާއި ނުލައި ވޯލްޑް ކަޕެއް ބާއްވާނެ ފުރަތަމަ ފަހަރު

އިޓަލީގެ ގައުމީ ޓީމުގެ ކެޕްޓަން ޖިއަންލުއީޖީ ބުފޮން އެ ޓީމަށް ކުޅުން ހުއްޓާލިކަން ފެންކަޅިވެ ހުރެ އިއުލާނު ކޮށްފިއެވެ.

ވޯލްޑް ކަޕް ޕްލޭއޮފްގައި 1-0 ގެ އެގްރިގޭޓް ނަތީޖާއަކުން ސްވިޑެން އަތުން ބަލިވި މެޗާއެކު އިޓަލީއަށް ވަނީ އަންނަ އަހަރު ރަޝިއާގައި ބާއްވާ ފީފާ ވޯލްޑް ކަޕުން ފުރުސަތު ގެއްލިފައެވެ. މިއީ 1958 ވަނަ އަހަރުގެ ފަހުން އިޓަލީގެ ގައުމީ ޓީމާއި ނުލައި ވޯލްޑް ކަޕެއް ބާއްވާނެ ފުރަތަމަ ފަހަރެވެ.

މި މެޗަށް ފަހު ފެންކަޅިވެހުރެ ނޫސްވެރިންނާއި ވާހަކަ ދައްކަމުން އުމުރުން 39 އަހަރުގެ ބުފޮން ބުނެފައިވަނީ އޭނާ ގައުމީ ޓީމަށް ކުޅޭ އެންމެ ފަހު މެޗު މިގޮތަށް ނިންމާލަން ޖެހުމަކީ ލަދުވެތި ކަމެއް ކަމަށާއި މިއީ ވަރަށް ބޮޑު ހިތްދަތި ކަމެއް ކަމަށެވެ. ބުފޮން ބުނެފައިވަނީ މިކަމުގެ ޒިންމާ ވަކި ކުޅުންތެރިޔެއްގެ ބޮލުގައި ނޭޅުވޭނެ ކަމަށާއި ހުރިހާ ކުޅުންތެރިން ވެސް ކޮލިފައި ނުވުމުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށެވެ.

މީގެ ކުރިން ބުފޮން ބުނެފައިވަނީ އޭނާ ކުޅުން ހުއްޓާލާނީ އަންނަ އަހަރު ރަޝިއާގައި ބާއްވާ ވޯލްޑް ކަޕަށް ފަހު ކަމަށެވެ. އެހެނަސް ސްވިޑެން އަތްދަށުވެ ބުފޮންގެ މި ހުވަފެންތައް ވަނީ ވެއްޔާއި މޮޑެވިގެން ގޮސްފައެވެ.

ބުފޮން އާއިއެކު އިޓަލީގެ ޑިފެންސްގައި މުހިންމު ރޯލެއް އަދާކުރަމުން އަންނަ ޔުވެންޓަސްގެ އަންދްރޭ ބަރްޒަގާލީ އާއި އެ ގައުމުގެ މިޑްފީލްޑަރު ޑެނިއެލޭ ޑެރޮސީ ވެސް ވަނީ މި މެޗަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައެވެ. މި ތިން ކުޅުންތެރިން ވަނީ މުޅި ޖުމްލަ އިޓަލީގެ ގައުމީ ޓީމަށް 461 މެޗު ކުޅެދީފައެވެ.

އެގޮތުން 20 އަހަރަށް ދިގުދެމިގެން ދިޔަ ކެރިއަރުގައި ބުފޮން ވަނީ އިޓަލީގެ ގައުމީ ޓީމަށް 175 މެޗު ކުޅެދީފައެވެ.

ޖަރުމަނުގައި 2006 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕް އެ ގައުމަށް ކާމިޔާބު ކޮށްދިނުމަށް މުހިންމު ރޯލެއް އަދާކުރި ބުފޮން ބުނެފައިވަނީ އިޓަލީގެ ފުޓްބޯޅަ އަދިވެސް ދާނީ ކުރިޔަށް ކަމަށާއި މިއީ ވެއްޓުމެއް ކަމުގައި ގަބޫލް ކުރެވިދާނެ ކަމަށެވެ. އެހެނަސް އިޓަލީއަކީ އަބަދުވެސް ދަށް ނަތީޖާތައް އަނބުރާލާ ޓީމެއް ކަމަށާއި މިފަހަރުވެސް އެކަން ވެގެންދާނީ އެހެން ކަމަށް ގަބޫލް ކުރެވޭ ކަމަށް ބުފޮން ބުނެފައިވެއެވެ.

އިޓަލީގެ ގައުމީ ޓީމުގެ ކޯޗު ޖިއަމްޕިއޭރޯ ވެންޗޫރާ ނޫސްވެރިންގެ ސުވާލުތަކައް ޖަވާބުދީފައި ނުވާއިރު ބުދަ ދުވަހުގެ ވަގުތެއްގައި އިޓަލީގެ ފުޓްބޯޅަ އެސޯސިއޭޝަނުން އޭނާގެ ކުރިމަގާއި މެދު ގޮތެއް ނިންމާނެ ކަމަށް ބީބީސީއިން ރިޕޯޓު ކޮށްފައިވެއެވެ. ވެންޗޫރާ ވަނީ 2020 ވަނަ އަހަރާ ހަމަޔަށް އިޓަލީގެ ފުޓްބޯޅަ އެސޯސިއޭޝަނާއެކު ކޮންޓްރެކްޓް ހަދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
50%
0%
0%
50%
ކޮމެންޓް