ކ. މާލެ
|
14 ނޮވެންބަރ 2017 | އަންގާރަ 19:21
ކްރިސްޓިއާނޯ ރޮނާލްޑޯ - މިއީ އޭނާ ގޯލް 50 އެވޯޑު ހޯދި ފަސް ވަނަ ފަހަރު
ކްރިސްޓިއާނޯ ރޮނާލްޑޯ - މިއީ އޭނާ ގޯލް 50 އެވޯޑު ހޯދި ފަސް ވަނަ ފަހަރު
ގޫގުލް
ގޯލް 50 އެވޯޑު
ގޯލް 50 އެވޯޑު ރޮނާލްޑޯއަށް
 
މެސީއަށް މިފަހަރު ލިބިފައިވަނީ ހަތަރުވަނަ
 
އޭނާ ވަނީ މިދިޔަ ސީޒަނުގައި ރެއާލްގައި މޮޅު ކުޅުމެއް ދައްކާފައި
 
މިއީ ރޮނާލްޑޯ މި އެވޯޑު ހޯދި ފަސް ވަނަ ފަހަރު

މަޝްހޫރު ފުޓްބޯޅަ ވެބްސައިޓް 'ގޯލް ޑޮޓްކޮމް' އިން ކޮންމެ އަހަރަކު ހޮވާ ގޯލް 50 ނުވަތަ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑު ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލިބިއްޖެއެވެ.

ވޭތުވެދިޔަ 12 މަސް ދުވަހުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފުޓްބޯޅަ ކުޅެމުންދާ ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު ކުޅުންތެރިޔަކަށް ދޭ މި އެވޯޑު މިއީ ރޮނާލްޑޯ ހޯދި ފަސް ވަނަ ފަހަރެވެ. ރެއާލްއާއެކު ޖެހިޖެހިގެން ދެ ފަހަރު ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށްފަހު ރޮނާލްޑޯ ވަނީ މި އެވޯޑު ވެސް ޖެހިޖެހިގެން ދެ ފަހަރު ހޯދާފައެވެ.

ރެއާލްއިން 2012 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ލަލީގާ ހޯދިއިރު ރޮނާލްޑޯ ވަނީ ކުޅުނު 29 މެޗުގައި 25 ލަނޑު އެ ޓީމަށް ޖަހައިދީފައެވެ. އެހެނަސް އޭނާއަށް މި އެވޯޑު ލިބިގެން ދިޔައީ ޔުއެފާ ޗެމްޕިއަންސް ލީގުގައި އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. އެގޮތުން އޭނާ ވަނީ ނޮކްއައުޓް ބުރުގައި ބަޔާން މިއުނިކާއި އެޓްލެޓިކޯ މެޑްރިޑް ކޮޅަށް ހެޓްރިކް ހަދައި ފައިނަލްގައި ޔުވެންޓަސް އަތުން ރެއާލް 4-1 އިން މޮޅުވި މެޗުގައި ވެސް ލަނޑު ޖަހާފައެވެ.

ރޮނާލްޑޯގެ ފަހަތުން މި އެވޯޑުގެ ދެވަނަ ލިބިފައިވަނީ ޔުވެންޓަސްގެ ކެޕްޓަން ޖިއަންލުއީޖީ ބުފޮން އަށެވެ. ޔުވެންޓަސްއާއެކު އިޓަލީގެ ލީގާއި އިޓާލިއަން ކަޕް ކާމިޔާބުކުރި ބުފޮން ވަނީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި 600 މިނެޓު އޭނާގެ ގޯލަށް ލަނޑެއް ނުވައްދައި ހިފަހައްޓާފައެވެ. ރެއާލްގެ ކާމިޔާބުގައި ބޮޑު ހިއްސާއެއް އަދާކުރި ކްރޮއޭޝިއާގެ މިޑްފީލްޑަރު ލޫކާ މޮޑްރިޗްއަށް މިފަހަރު ލިބިފައިވަނީ ތިން ވަނައެވެ.

މިއަހަރުގެ އެވޯޑުގައި ބާސާގެ ތަރި އަދި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއަށް ލިބިފައިވަނީ ހަތަރު ވަނައެވެ. މީގެ ކުރިން ހަތަރު ފަހަރެއްގެ މަތިން މި އެވޯޑު ކާމިޔާބު ކޮށްފައިވާ މެސީއަށް މިފަހަރު ހަތަރު ވަނަ ލިބުނު ނަމަވެސް އޭނާ ވަނީ މިދިޔަ ސީޒަނުގައި ބާސާއަށް ކުޅުނު 54 މެޗުގައި 52 ލަނޑު ޖަހައިދީ މޮޅު ކުޅުމެއް ދައްކާފައެވެ.

މިއަހަރުގެ އެވޯޑުގައި ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސްއަށް ފަސް ވަނަ ލިބުނުއިރު ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ކަމަށްވާ ޕީއެސްޖީގެ ނޭމާއަށް ލިބިފައިވަނީ ހަ ވަނައެވެ. މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ފްރާންސްގެ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭއަށް ހަތް ވަނަ ލިބުނުއިރު ޗެލްސީގެ މިޑްފީލްޑަރު އެންގޯލޯ ކަންޓޭއަށް ލިބިފައިވަނީ އަށް ވަނައެވެ. އަދި ޔުވެންޓަސްގެ ޕައުލޯ ޑިބާލާއަށް ނުވަ ވަނަ ލިބުނުއިރު ގަދަ 10 ގައި ދެން ހިމެނެނީ ރެއާލްގެ ޖަރުމަނުގެ މިޑްފީލްޑަރު ޓޯނީ ކްރޫސްއެވެ.

މިއަހަރުގެ ލިސްޓުގައި ރެއާލްގެ ނުވަ ކުޅުންތެރިޔަކު ވަނީ ހިމެނިފައެވެ.

މިއަހަރުގެ ލިސްޓުން އެންމެ ބޮޑަށް ފާހަގަ ކޮށްލެވެނީ ރެއާލްގެ ގެރެތް ބޭލްއާއި ބާސެލޯނާގެ އަންދްރޭސް އިނިއެސްޓާއާއި މެންޗެސްޓާ ސިޓީގެ ކެވިން ޑެބްރައިނާގެ އިތުރުން ހަމަ އެ ޓީމުގެ ސާޖިއޯ އަގުއޭރޯއަށް ފުރުސަތު ދީފައިނުވުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
100%
0%
0%
ކޮމެންޓް
14 ނޮވެންބަރ 2017 | އަންގާރަ 21:48
ފޖޖފޖފ
7 މަ މޭން ......... ސީ އާ ރު