ކ. މާލެ
|
14 ނޮވެންބަރ 2017 | އަންގާރަ 19:10
ރޮނާލްޑީނިއޯ (ކ) އަދި ކުޓީނިއޯ (ވ) - ކުޓީނިއޯ ބާސައަށް ގެންދަން ރޮނާލްޑީނިއޯ ބޭނުންވޭ
ރޮނާލްޑީނިއޯ (ކ) އަދި ކުޓީނިއޯ (ވ) - ކުޓީނިއޯ ބާސައަށް ގެންދަން ރޮނާލްޑީނިއޯ ބޭނުންވޭ
ގެޓީ އިމޭޖަސް
ފިލިޕޭ ކުޓީނިއޯ
ބާސާއަށް ކުޓީނިއޯ ގެންނަން ރޮނާލްޑީނިއޯ ތާއީދު
 
ކުޓީނިއޯ ހޯދުމަށް ބާސާއިން މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވޭ
 
ކުޓީނިއޯގެ ކުޅުމުގެ ވައްޓަފާޅިއާއި ބާސާގެ ކުޅުމާއި ވަރަށް އެއްގޮތަ ކަމަށް ރޮނާލްޑީނިއޯ ބުނި

ލިވަޕޫލްއަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފީލްޑަރު ފިލިޕޭ ކުޓީނިއޯ ސްޕެއިންގެ ބާސެލޯނާއަށް ގެންނަން ތާއީދުކުރާ ކަމަށް އެ ޓީމަށް ކުރިން ކުޅުނު ބްރެޒިލްގެ ރޮނާލްޑީނިއޯ ބުނެފިއެވެ.

ސްކައި ސްޕޯޓްސްއާއި ވާހަކަ ދައްކަމުން ރޮނާލްޑީނިއޯ ބުނެފައިވަނީ ކުޓީނިއޯ ފަދަ ހުނަރުވެރި ޒުވާން ކުޅުންތެރިޔަކު ބާސާގެ ޖާޒީގައި ފެނިގެން ދިޔުން ވެގެންދާނީ ވަރަށް އުފާވެރި މަންޒަރަކަށް ކަމަށެވެ. އެގޮތުން އޭނާ ވެސް ބާސާގެ ޖާޒީގައި ފެނިގެން ދިޔުމުން އެ ޓީމުގެ ސަޕޯޓަރުން ވަރަށް އުފާވި ކަމަށާއި ހަމައެގޮތަށް ކުޓީނިއޯ ބާސާގެ ޖާޒީގައި ފެނުމުން ވެސް ބާސާގެ ސަޕޯޓަރުން ވަރަށް އުފާވާނެ ކަމަށް ގަބޫލްކުރެވޭ ކަމަށް ރޮނާލްޑީނިއޯ ބުނެފައިވެއެވެ.

ރޮނާލްޑީނިއޯ ބުނެފައި ވަނީ ކުޓީނިއޯގެ ކުޅުމުގެ ވައްޓަފާޅިއަކީ ބާސާގެ ކުޅުމާއި ވަރަށް އެއްގޮތް ކަންކަން އެކުލެވޭ ކުޅުމެއް ކަމަށާއި އޭނާ ފަދަ ކޮލިޓީ ކުޅުންތެރިޔަކު ބާސާއަށް ގެނައުމަށް ދެބަސްވެވެން ނެތް ކަމަށެވެ. ހަމައެހެންމެ ކުޓީނިއޯގެ ތަފާތު ކުޅުމާއި ހުނަރުގެ ސަބަބުން އަންނަ އަހަރު ރަޝިއާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ވޯލްޑް ކަޕުން ބްރެޒިލްއަށް ރަން ވަނަތަކެއް ލިބުމަށް މަގުފަހި ވެގެންދާނެ ކަމަށް ރޮނާލްޑީނިއޯ ބުނެފައިވެއެވެ.

ރޮނާލްޑީނިއޯ އަކީ ފުޓްބޯޅައިގެ ދުނިޔޭގައި އެންމެ އަލިގަދަ އެއް ނަމަށްވާއިރު އޭނާ ވަނީ ބާސާގެ ޖާޒީގައި ކާމިޔާބު ސީޒަންތަކެއް ވޭތުކޮށްފައެވެ.

އޭނާ ވަނީ ކުޓީނިއޯ ކުޅުންތެރިޔެއްގެ ގޮތުގައި ހޯދަމުން އަންނަ ކާމިޔާބުތައް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ވެސް ބުނެފައެވެ. ހަމައެހެންމެ އޭނާ ބުނެފައިވަނީ ނޭމާ ބާސާ ދޫކޮށްލުމުން އެ ޓީމުގެ ފޯވާޑް ލައިނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް އެންމެ ރަނގަޅު ކުޅުންތެރިޔަކީ ކުޓީނިއޯ ކަމަށެވެ.

ކުޓީނިއޯ ހޯދުމަށް ބާސާއިން މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން އެ ޓީމުން ތިން ފަހަރެއްގެ މަތިން ބިޑު ކުރިއިރު، އެންމެ ފަހުން ކުރި 130 މިލިއަން ޔޫރޯގެ ބިޑު ލިވަޕޫލްއިން ވަނީ އަނބުރާ ފޮނުވާލާފައެވެ. އެހެނަސް ބާސާގެ ސީއީއޯ އޮސްކާ ގްރާއު ބުނެފައިވަނީ މި އަންނަ ފިނި މޫސުމުގެ ޓްރާންސްފާ މާކެޓުގައި އަނެއްކާ ވެސް ކުޓީނިއޯ ހޯދުމަށް އެ ޓީމުން ބިޑު ކުރާނެ ކަމަށެވެ.

އެހެނަސް ދާދިފަހުން ދިން އިންޓަވިއުއެއްގައި ކުޓީނިއޯ ބުނެފައި ވަނީ އޭނާ ލިވަޕޫލްގައި ހުރީ ހިތްހަމަޖެހިގެން ކަމަށާއި އަދި އެ ޓީމު ދޫކޮށް ދިޔުމުގެ ވިސްނުމެއް މިވަގުތު ނުގެންގުޅޭ ކަމަށެވެ. މި ސީޒަނުގެ ކުރީކޮޅު އަނިޔާގެ ސަބަބުން ލިވަޕޫލްގެ ޓީމުން އޭނާއަށް ފުރުސަތު ގެއްލުނު ނަމަވެސް އަނިޔާއިން އެނބުރި އައިސް ކުޓީނިއޯ އަންނަނީ ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އޭނާ ވަނީ އެ ޓީމަށް މި ސީޒަނުގެ މިހާތަނަށް ކުޅުނު ނުވަ މެޗުގައި ހަތަރު ލަނޑު ޖަހައިދީ ތިން އެސިސްޓް ހަދާފައެވެ.

ލިވަޕޫލްއާއެކު 2022 ވަނަ އަހަރާ ހަމަޔަށް ކޮންޓްރެކްޓް ހަދާފައިވާ ކުޓީނިއޯ އެ ޓީމަށް ބަދަލުވެފައި ވަނީ 2012 ވަނަ އަހަރުއެވެ. އޭނާ ވަނީ އެ ޓީމަށް ބަދަލުވިފަހުން މިހާތަނަށް އެ ޓީމަށް ކުޅެދިން 190 މެޗުގައި 46 ލަނޑު ޖަހައިދީފައެވެ.

ލިވަޕޫލްގައި އޭނާ މޮޅު ކުޅުމެއް ދައްކަމުން އައި ނަމަވެސް ފުޓްބޯޅައިގެ ދުނިޔޭގެ ނަން މަޝްހޫރު އެތަކެއް ފަރާތްތަކުން އަންނަނީ އޭނާ އެހެން ޓީމަކަށް ބަދަލުވުމަށް ގޮވާލަމުންނެވެ. އެ ލިސްޓަށް އެންމެ ފަހުން އިތުރު ވެގެން ގޮސްފައި މިވަނީ ރޮނާލްޑީނިއޯއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
50%
0%
0%
0%
50%
ކޮމެންޓް