ކ. މާލެ
|
15 ނޮވެންބަރ 2017 | ބުދަ 00:38
އަނަސްގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ ޝާޒްއާއި އަފްރާހު
އަނަސްގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ ޝާޒްއާއި އަފްރާހު
މުހައްމަދު ޝަރުހާން
އަނަސް މަރުގެ މައްސަލަ
އަނަސް މަރުގެ މައްސަލަ: ޖަވާބުދާރީ ވުމަށް ޝާޒް އަށް 10 ދުވަސް، އަފްރާހު އަށް ވަކީލަކު އަައްޔަން ކުރުމަށް 10 ދުވަސް
 
މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ 10 ދުވަހަށް ފަހު
 
ހެކީގެ ގޮތުގައި ހާދިސާގެ ހިނގި ސަރަހައްދުގެ ސީސީޓީވީ ފުޓޭޖް ހުށަހަޅާފައިވޭ
 
ޝާޒްއާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައި ވަނީ ސިއްރުހެކިން

 މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ މީހުންގެ ތެރެއިން ގ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގު އަށް ވަކީލަކު އައްޔަން ކުރުމަށް 10 ދުވަހުގެ މުއްދަތެއް ދީ އެ މައްސަލާގައި ދައުވާ އުފުލާފައިވާ ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒް އަށް ދައުވާ އަށް ޖަވާބްދާރީވުމަށް 10 ދުވަހުގެ މުއްދަތެއް ދީފިއެވެ. 

އަނަސްގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ މީހުންގެ ތެރެއިން އަފްރާހުގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. އަދި ޝާޒްގެ މައްޗަށް ކުރަނީ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.

 އަނަސްގެ މަރުގެ މައްސަލައިގައި އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އިބްތިދާއީ އަޑުއެހުމުގައި އަފްރާހު ބުނީ އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި ކުރިއަށް ދާން ބޭނުން ވަނީ ވަކީލަކާއެކު ކަމަށެވެ. އެހެން ކަމުން ވަކީލަކު އައްޔަން ކުރުމަށް 10 ދުވަހުގެ މުއްދަތެއް ބޭނުންވާ ކަމަށް އަފްރާހު ބުންޏެވެ. އަދި މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވަނީ އަފްރާހު އަށް ވަކީލަކު އައްޔަން ކުރުމަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ. 

ޝާޒްގެ މައްޗަށް އުފުލާފައިވާ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ ދައުލަތުން އިއްވުމުން ޝާޒްގެ ގާނޫނީ ވަކީލް ވިދާޅުވީ ދައުވާ ސާފް ނުވާ ކަމަށާއި ޖަވާބު ދާރީވުމަށް ފުރުސަތު ބޭނުންވާ ކަމަށެވެ. އެގޮތުން ޝާޒްގެ އެދުުމުގެ މަތިން ދައުވާ އަށް ޖަވާބްދާރީ ވުމަށް 10 ދުވަހުގެ މުއްދަތެއް ޝަރީޢަތުން ވަނީ ދީފައެވެ. 

ދައުލަތުން ޝާޒްގެ މައްޗަށް އުފުލާފައިވާ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ ސާބިތު ކުރުމަށް ފަސް މީހަކު ސިއްރު ހެކިންގެ ގޮތުގައި ވަނީ ހުށަހަޅާފައެވެ. އަދި އެ ހާދިސާގެ ހިނގި ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްގެ އިތުރުން ފުލުހުންގެ އިންޓަލިޖެންސް ރިޕޯޓާއި އަނަސް މަރާލުމުގެ ތުހުމަތު ކުރެވޭ އެހެން މީހުންނާ ފޯނުން ޝާޒް ވާހަކަ ދައްކާފައިވާކަން އަންގައިދޭ ލިޔުންތަކުގެ އިތުރުން އޭޑީކޭ ހޮސްޕިޓަލުން އަނަސްގެ މަރާ ގުޅިގެން ތައްޔާރު ކޮށްފައިވާ މެޑިކަލް ރިޕޯޓާއި އަދި މައްސަލައިގެ ތަހުގީގު ރިޕޯޓް ދައުލަތުން ހުށަހެޅި ސިއްރު ހެއްކާއި ގަރީނާގެ ތެރޭގައި ހިމެނެއެވެ. 

މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވިދާޅުވީ ދެން މި މައްސަލައިގެ އަޑުއެހުމެއް ބާއްވާނީ 10 ދުވަސް ފަހުން ކަމަށެވެ. 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް