ކ. މާލެ
|
11 ނޮވެންބަރ 2017 | ހޮނިހިރު 18:50
އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ޒިޔާތު
އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ޒިޔާތު
މުހައްމަދު ޝަރުހާން
ޒިޔަތުގެ ޝަރީއަތް
13 ރަށަކާއި ދެ ފަޅެއް ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ 23.1 މިލިއަން ޑޮލަރަށް ޒިޔަތު ޚިޔާނާތްތެރިވި: ދައުލަތް
 
އެ ހުރިހާ ފައިސާއެއް ޖަމާކޮށްފައިވަނީ އެސްއޯއެފް ކުންފުނީގެ އެކައުންޓަށް
 
ޒިޔާތުގެ ފަރާތުން ބުނީ ޚިޔާނާތްތެރިވެފައިނުވާނެ ކަމަށާއި ޕްރޫފް އޮފް ޕޭމަންޓު އަދީބާ ހަވާލުކުރި ކަމަށް
 
1968 ގެ ގާނޫނުލް އުގޫބާތުގެ ދަށުން ވެސް ދައުވާތަކެއް ކޮށްފައިވާއިރު އަދަބު 15،000 އަހަރަށް ވުރެ މައްޗަށް

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން(އެމްއެމްޕީއާރްސީ) މެދުވެރިކޮށް 13 ފަޅުރަށަކާއި ދެ ފަޅެއް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ 23.1 މިލިއަން ޑޮލަރަށް(357 މިލިއަން ރުފިޔާ އަށް) އެ ކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ޒިޔާތު ޚިޔާނާތްތެރިވެފައިވާ ކަމަށް ދައުލަތުން ބުނެފި އެވެ.

 

އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލައިގައި ޒިޔާތުގެ މައްޗަށް އުފުލާފައިވާ 30 ދައުވާގެ ތެރެއިން 15 ދައުވާގެ އިބްތިދާއީ އަޑުއެހުމެއް ހޮނިހިރު ދުވަހު ބާއްވާފައިވެއެވެ. އެ އަޑުއެހުމުގައި ދައުލަތުން ވަނީ ޒިޔާތުގެ މައްޗަށް ކުރާ ދައުވާތައް އިއްވާފަ އެވެ. 

 

ޒިޔަތުގެ މައްޗަށް ޚިޔާނާތްތެރިވުމުގެ ދައުވާ އުފުލާފައިވަނީ 13 ފަޅުރަށަކާއި ދެ ފަޅެއް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ބުނެ އެވެ. އެ ދައުވާތަކުގައި ބުނެފައިވަނީ އެރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން އިކިއުޒިޝަން ކޯސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާ ހިމެނޭ 17 ޗެކަކާއި ޒިޔާތު ހަވާލުވެ، އެ ޗެކުތަކުގައި ހިމެނޭ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަމަށެވެ.

 

އެގޮތުން، ރ. އިނގުރައިދޫ ބުލްބުލާގޭ މުހައްމަދު ހުސައިންފުޅަށް ރ. ކަނޑޫގަނޑު ކުއްޔަށް ދޫކޮށްގެން އިކުއިޒިޝަން ކޯސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 300،000 ޑޮލަރާއި، އަލިބޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ރ. ބޮޑުފުށި ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ ތިން މިލިއަން ޑޮލަރާއި، ބޮޑުފަރު ބީޗް ޕްރައިވެޓް ލިމިޓެޑަށް އދ. ބޮޑުފިނޮޅު ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ އެއް މިލިއަން ޑޮލަރާއި، މއ. މަނަސް އާމިރު މަންސޫރަށް ރ. ހުރަވަޅި ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ 1.75 މިލިއަން ޑޮލަރާއި، ކްލެސިކް ސިޓީ އައިލެންޑް މޯލްޑިވްސް އަށް ރ. ފުށްގިރި  ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ 150،000 ޑޮލަރާއި، ސީކްރެޓް ޕެރެޑައިސް ޕްރައިވެޓް ލިމިޓެޑަށް ބ. ހުރާފަރު ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ 360،000 ޑޮލަރާއި، ޓޫޖީ ޕްރައިވެޓް ލިމިޓެޑަށް ވ. އާރަށް ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ އެއް މިލިއަން ޑޮލަރާއި، ދިގުދެފަރު އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަށް ބ. ދިގުދެފަރު ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ 300،000 ޑޮލަރާއި، ވެލް ލޭންޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަށް ބ. މުތާފުށި ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ އެއް މިލިއަން ޑޮލަރާއި، ރޮބިންސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ނ. އޮރިވަރު ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ ހަތަރު މިލިއަން ޑޮލަރާއި، ބޮޑުފަރު ބީޗް ރިސޯޓް ޕްރައިވެޓް ލިމިޓެޑަށް ރ. ބޮޑުފަރު ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ 1.5 މިލިއަން ޑޮލަރާއި، ޔުނައިޓެޑް އިންޓަނޭޝަނަލް ހޮޓަލް ގްރޫޕަށް ގއ. ވޮޑެމުއްލާ ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ އެއް މިލިއަން ޑޮލަރާއި، އޮރިއެންޓް ރޯސް ޕްރައިވެޓް ލިމިޓެޑަށް ރ. ކޮތައިފަރު ކުއްޔަށް ދޫކޮށްގެން ލިބެންޖެހޭ ފަސް މިލިއަން ޑޮލަރަށް ޒިޔާތު ޚިޔާނާތްތެރިވެފައިވާ ކަމަށް ދައުވާތަކުގައި ބުނެފައިވެއެވެ.

 

މީގެ އިތުރުން، ގ. ރަންގިރިގޭ މުހައްމަދު ވާފިރަށް މާލެ އަތޮޅުގެ ފަޅެއް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ 300،000 ޑޮލަރާއި، ޑެޕެޒާ ސަރވިސް ލިމިޓެޑަށް މާލެ އަތޮޅުން ފަޅެއް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ 2.5 މިލިއަން ޑޮލަރަށް ވެސް ޒިޔާތު ޚިޔާނާތްތެރިވެފައިވާ ކަމަށް ދައުވާތަކުގައި ބުނެފައިވެއެވެ.

 

ޒިޔާތު ވަނީ މި ހުރިހާ ދައުވާތަކަށް ވެސް އިންކާރު ކޮށްފަ އެވެ. ޒިޔާތުގެ ފަރާތުން އޭނާގެ ގާނޫނީ ވަކީލު އަހުމަދު ޔާމީން ވިދާޅުވީ އެ ޗެކްތަކާއި ހަވާލުވުމަށް ފަހު، ޓޫރިޒަމް މިނިސްޓްރީ އިން އަންގާފައިވާ ގޮތަށް 'ޕްރޫފް އޮފް ޕޭމަންޓް' އެއިރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި ހަވާލުކޮށްފައިވާނެ ކަމަށެވެ.

 

އެ ޗެކްތައް އޮންނާނީ އެހެން ކުންފުންޏަކަށް ޖަމާނުކުރެވޭ ގޮތަށް އެމްއެމްޕީއާރްސީއަށް އެޑްރެސް ކޮށްފައި ކަމަށާއި އެހެންނަމަވެސް، ދައުލަތުން ހުށަހަޅާފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އެ ޗެކްތައް ޖަމާކޮށްފައިވަނީ އެސްއޯއެފް ކުންފުނީގެ އެކައުންޓަށް ކަމަށް ޒިޔާތުގެ ވަކީލު ވިދާޅުވި އެވެ.

 

ޒިޔާތުގެ ވަކީލު ވިދާޅުވީ އެސްއޯއެފް ކުންފުނީގެ އެކައުންޓަށް ޗެކްތައް ޖަމާކޮށްފައިވަނީ، އެމްއެމްޕީއާރްސީއިން ބީއެމްއެލްއަށް ހުށަހަޅާފައިވާ ބޯޑް ރިސޮލިއުޝަންއާ ކަނޑައެޅިގެން ޚިލާފަށް ކަމަށެވެ. އަދި އެމްއެމްޕީއާރްސީގެ އެއްވެސް ގަވާއިދަކާ ޚިލާފަށް ޒިޔާތު އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

 

މި ދައުވާތަކުގެ ތެރެއިން ބައެއް ދައުވާތައް އުފުލާފައިވަނީ 1968 ވަނަ އަހަރު އަމަލުކުރަން ފެށި ގާނޫނުލް އުގޫބާތުގެ ދަށުންނެވެ. އެހެންކަމުން އެ ގާނޫނާ ހަވާލާދީ ޒިޔަތުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެނަމަ ދެވޭ އަދަބު 15،000 އަހަރު ދުވަހުގެ ޖަލު ހުކުމަކަށް ވުރެ މައްޗެވެ. އަދަބު މިހާ ބޮޑުވަނީ، ޚިޔާނާތްތެރިވި މުދަލުގެ އަގު 10،000 ރުފިޔާއިން ފެށިގެން މަތީ އަދަދަކަށް ވެއްޖެނަމަ، ކޮންމެ 1،000 ރުފިޔާއަކަށް ހުކުމުގެ މުއްދަތުގެ ތެރެއަށް އެއްމަސް ދުވަސް އިތުރުކުރަންޖެހޭނެ ކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައިވާތީ އެވެ.

 

އެހެން ނަމަވެސް، ފަހުން ފާސްކުރާ ގާނޫނަކުން ލުއި އަދަބެއް ލިބޭނަމަ އެ އަދަބެއް ދޭން ގާނޫނު އަސާސީގައި ބަޔާންކޮށްފައި ވާތީ، އަދަބު ކަނޑައަޅާނީ އާ ގާނޫނުލް އުގޫބާތުގެ ދަށުންނެވެ. 2015 ވަނަ އަހަރު އަމަލުކުރަން ފެށި ގާނޫނުލް އުގޫބާތުގެ ދަށުން ޚިޔާނާތްތެރިވުމަކީ ޖިނާޔަތުގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށަށް ކަނޑައެޅިފައިވާ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.

 

ޒިޔާތުގެ މައްޗަށް އުފުލާފައިވާ މި ދައުވާތައް މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ޝަރީއަތުން ހޮނިހިރު ދުވަހު ކަނޑައަޅާފައިވާއިރު، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް އެއް މަސް ދުވަހުގެ ފުރުސަތެއް ވަނީ ދީފަ އެވެ.

 

މި 15 ދައުވާގެ އަޑުއެހުމެއް ދެން އޮންނާނީ ޖެނުއަރީ 4 ވަނަ ދުވަހު އެވެ. އެހެން ނަމަވެސް، ޒިޔާތުގެ މައްޗަށް އުފުލާފައިވާ އަނެއް 15 ދައުވާގެ އަޑުއެހުމެއް މިމަހުގެ 14 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް