ކ. މާލެ
|
11 ނޮވެންބަރ 2017 | ހޮނިހިރު 18:39
ސެނެގޯލްއާއި ދެކުނު އެފްރިކާ ކުޅުނު މެޗުގެ ތެރެއިން
ސެނެގޯލްއާއި ދެކުނު އެފްރިކާ ކުޅުނު މެޗުގެ ތެރެއިން
ފީފާ
ވޯލްޑް ކަޕް ކޮލިފައިން
ސެނެގޯލް 16 އަހަރަށް ފަހު އަލުން ވޯލްޑް ކަޕަށް
 
މިއީ އެ ގައުމު 16 އަހަރުގެ ތެރޭގައި ވޯލްޑް ކަޕުގައި ވާދަކުރާނެ ފުރަތަމަ ފަހަރު
 
ސެނެގޯލް ވަނީ 2-0 ގެ ނަތީޖާއަކުން ދެކުނު އެފްރިކާ ބަލިކޮށްފައި

 

ވޯލްޑް ކަޕް ކޮލިފައިންގައި ދެކުނު އެފްރިކާ ބަލިކޮށް 16 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ސެނެގޯލްއިން ވޯލްޑް ކަޕުގެ ޖާގައެއް ކަށަވަރު ކޮށްފިއެވެ.

ދެކުނު އެފްރިކާއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މި މެޗުގައި ކުޅުނު ނަމަވެސް ސެނެގޯލްއިން ވަނީ މެޗުގައި ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފާފައެވެ. އެގޮތުން މެޗުގެ 12 ވަނަ މިނެޓުގައި ލިވަޕޫލްގެ ސަދިއޯ މާނޯ ތަނަވަސްކޮށްދިން ފުރުސަތަކުން ވެސްޓް ހާމްގެ ޑިއަފްރާ ސާކޯވަނީ ލަނޑެއްޖަހައި ސެނެގޯލްއަށް ލީޑު ނަގައިދީފައެވެ. ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި ދެކުނު އެފްރިކާގެ ތަމަންސްކާ މިކީޒޭ އަތުން ބައިކޮޅަށް ވަން ލަނޑުން ސެނެގޯލްއަށް ވޯލްޑް ކަޕުގެ ޖާގައެއް ކަށަވަރު ވެގެން ދިޔައެވެ.

މި މެޗަކީ މައްސަލަ ބޮޑުވުމުގެ ސަބަބުން ފީފާއިން އަލުން ކުޅެން އެންގި މެޗެކެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު މި ދެ ޓީމު ކުޅުނު މެޗުގައި ރެފްރީކަން ކުރި ގާނާގެ އުމުރުން 42 އަހަރުގެ ޖޯސެފް ލެމްޕްޓޭ އެ މެޗުގައި ވަކިކޮޅަކަށް ޖެހިގެން ހުރެ ނިންމުންތަކެއް ނިންމިކަމަށް ކަނޑައަޅައި ފީފާގެ އޯގަނައިޒިން ކޮމިޓީއިން ވަނީ މި މެޗު އަލުން ކުޅުމަށް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު އަމަރު ކޮށްފައެވެ.

ނުގަވާއިދުން ޕެނަލްޓީއެއް ދީގެން ދެކުނު އެފްރިކާ އެ މެޗުން މޮޅު ކުރިކަމަށް ނިންމައި ފީފާއިން ވަނީ އެ މެޗުގެ ރެފްރީ ޖޯސެފް ލެމްޕްޓޭ ފުޓްބޯޅައިގެ ހަރަކާތްތަކުން އުމުރު ދުވަހަށް ސަސްޕެންޑް ކޮށްފައެވެ.

ފީފާއިން އަލުން ކުޅެން ނިންމި މެޗުގައި ދެކުނު އެފްރިކާއަށް ޕެނަލްޓީ ދީފައިވަނީ ސެނެގޯލްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ސެނެގޯލްގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުނުކަމަށް ބުނެއެވެ. އެހެން ނަމަވެސް ފީފާއިން މި މައްސަލަ ބަލާ ނެރުނު ރިޕޯޓުގައި ބުނެފައިވަނީ ރިޕްލޭއިން ބެލިބެލުމުން އެނގުނު ގޮތުގައި ބޯޅަ ޖެހިފައި ވަނީ ސެނެގޯލްގެ ކުޅުންތެރިޔާގެ ކަކުލުގައި ކަމަށެވެ. އޭރު ފީފާއިން މިގޮތަށް ނިންމުމާއި ވިދިގެން އެ މެޗުން ދެކުނު އެފްރިކާއަށް ލިބުނު ތިން ޕޮއިންޓް އުނިކޮށްފައިވެއެވެ.

މި މެޗުން އަލުން ކުޅެ ސެނެގޯލްއިން މި މެޗު ކާމިޔާބުކުރުމާއެކު އެ ޓީމަށް ލިބުނު ތިން ޕޮއިންޓާއެކު ވަނީ އެފްރިކާގެ ވޯލްޑް ކަޕް ކޮލިފައިންގެ ގްރޫޕް 'ޑީ' ގައި ފަސް ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. މި މެޗުން ބަލިވުމާއެކު ދެކުނު އެފްރިކާއަށް ވޯލްޑް ކަޕުގެ ޖާގައެއް މިފަހަރު ލިބިގެނެއް ނުދާނެއެވެ. އެ ޓީމު އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް ބަލިވެފައެއް ނުވެއެވެ. އެފްރިކާ ބައްރުން މިހާތަނަށް ވޯލްޑް ކަޕުގެ ޖާގައެއް ކަށަވަރު ކޮށްފައިވަނީ ނައިޖީރިއާ އާއި މިސްރުންނެވެ.

ސެނެގޯލް އެންމެ ފަހުން ފީފާ ވޯލްޑް ކަޕުގައި ވާދަކޮށްފައިވަނީ 2002 ވަނަ އަހަރު ޖަޕާންއާއި ދެކުނު ކޮރެއާގައި ބޭއްވި ފަހަރުއެވެ. އެފަހަރު އެ ގައުމުން ވަނީ ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް