ކ. މާލެ
|
11 ނޮވެންބަރ 2017 | ހޮނިހިރު 16:51
ޕެޓްރިކް އެވްރާ ސަޕޯޓަރަކަށް ހަމަލާދެނީ
ޕެޓްރިކް އެވްރާ ސަޕޯޓަރަކަށް ހަމަލާދެނީ
މިރަރ
ޕެޓްރިކް އެވްރާ
ޔުއެފާއިން ސަސްޕެންޑް ކުރުމުން އެވްރާ މާސޭ ދޫކޮށްލައިފި
 
ޔުއެފާއިން ވަނީ ހަތް މަސްދުވަހަށް އެވްރާ ސަސްޕެންޑް ކޮށްފައި

ޔޫރަޕުގެ ފުޓްބޯޅައިގެ މައި އިދާރާއިން ފްރާންސްގެ ޑިފެންޑާ ޕެޓްރިކް އެވްރާ ސަސްޕެންޑް ކުރުމާއި ވިދިގެން އޭނާގެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އުވާލައިފިއެވެ.

ޔުއެފާއިން އެވްރާއަށް އަދަބު ދީފައިވަނީ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހު ޔުއެފާ ޔުރޮޕާ ލީގުގައި ވިޓޯރިއާ ގުމަރޭސްއާ ދެކޮޅަށް މާސޭ ކުޅުނު މެޗުގެ ކުރިން ފަރިތަކުރުންތަކުގެ ތެރެއިން ސަޕޯޓަރަކަށް ހަމަލާ ދިނުމާއި ވިދިގެންނެވެ. މެޗު ފެށުމުގެ ކުރިން ކުރިޔަށްދިޔަ ވޯމްއަޕުގައި ތަކުރާރުކޮށް ސަޕޯޓަރަކު ގޯނާ ކުރުމާއި ވިދިގެން އެވްރާ ވަނީ ފައިން އެ ސަޕޯޓަރުގެ މޫނުގައި ޖަހާފައެވެ. އޭނާގެ މި ހަމަލާޔާއި ގުޅިގެން ރެފްރީ ވަނީ މެޗު ފެށުމުގެ ކުރިން އޭނާއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.

މި އަމަލާއި ގުޅިގެން ޔުއެފާއިން ވަނީ އެވްރާ ހަތް މަސްދުވަހަށް ސަސްޕެންޑްކޮށް 10 ހާސް ޔޫރޯއިން ޖޫރިމަނާ ކޮށްފައެވެ. މާސޭއިން ވެސް ވަނީ ޔުއެފާއިން މި އަދަބު ދިނުމުގެ ކުރިން، އެއްވެސް މުއްދަތެއް ނެތް ގޮތަށް އެ ކްލަބުގެ ހަރަކާތްތަކުން އެވްރާ ސަސްޕެންޑް ކޮށްފައެވެ. ޔުއެފާގެ މި ސަސްޕެންޝަނާއެކު އެވްރާއަށް ދެން ފުޓްބޯޅައިގެ ހަރަކާތެއްގައި ބައިވެރިވެވޭނީ އަންނަ އަހަރުގެ ޖޫން މަހުގެ ފަހުންނެވެ. އެވްރާ މާސޭއާއެކު ހަދާފައިވާ ކޮންޓްރެކްޓް ވެސް ހަމަ އަންނަ އަހަރު ޖޫން މަހުގައި ހަމަވާނެއެވެ.  

މާސޭގެ ރަސްމީ ވެބްސައިޓުގައި ނެރެފައިވާ ބަޔާނެއްގައިވަނީ އެ ކްލަބާއި އެވްރާއާއި ދެފަރާތުން އެއްބަސްވެގެން އޭނާ މާސޭއާއެކު ހަދާފައިވާ އެއްބަސްވުން ރަސްމީކޮށް އުވާލަން ނިންމާފައިވާ ކަމަށާއި އެކަމަށް ވަގުތުން އަމަލީ ސިފަ އަންނާނެ ކަމަށެވެ.

ފްރާންސްގެ އެންމެ މަޝްހޫރު ފުޓްބޯޅަ ނޫސް ކަމަށްވާ 'އެލްއިކުއިޕޭ' އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެ މެޗު ފެށުމުގެ ކުރިން ބައިގަޑިއިރު ވަންދެން އެވްރާއަށް ނިސްބަތްކޮށް މާސޭގެ ސަޕޯޓަރުން ޖެއްސުން ކޮށްފައިވާ ކަމަށާއި އަދި އެކަން ސަޕޯޓަރުން ކުރަމުން ދިޔައީ ކީއްވެތޯ ބެލުމަށް އެވްރާ ސަޕޯޓަރުންގެ ކައިރިޔަށް ދިޔަ ކަމަށެވެ. އެ ހިސާބުން މައްސަލަ ހޫނުވެ ބޮޑު ޒުވާބަކަށް ބަދަލުވި ކަމަށާއި އަދި އެ ހިސާބުން އެވްރާގެ ރުޅިގަނޑު ފަޅައިގެން ގޮސް ސަޕޯޓަރެއްގެ މޫނު މަތީގައި ފައިން ޖެހި ކަމަށެވެ. މިކަމުގެ ސަބަބަން އެންމެ ފަހުން ފްރެންޗް ލީގުގައި ސިއަންއާ ދެކޮޅަށް މާސޭ ކުޅުނު މެޗުގައި އެ ޓީމުގެ ސަޕޯޓަރުން ވަނީ އެވްރާ އެ ކްލަބުން ބޭރުކޮށްލުމަށް މުޒާހަރާ ކޮށްފައެވެ.

މިދިޔަ ފިނި މޫސުމުގެ ޓްރާންސްފާ މާކެޓުގައި އެވްރާ މާސޭއާއި ގުޅިފައިވަނީ ޔުވެންޓަސްގައި ކާމިޔާބު ތިން ސީޒަން ވޭތުކުރުމަށް ފަހުއެވެ. އެވްރާ ޔުވެންޓަސްގައި ކުޅުމުގެ ކުރިން ވަނީ އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑުގައި ކާމިޔާބު ނުވަ ސީޒަން ވޭތުކޮށްފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
100%
ކޮމެންޓް