ކ. މާލެ
|
12 ނޮވެންބަރ 2017 | އާދީއްތަ 07:40
ފުޑް ކޯޓްތައް ތަރައްގީ ކުރާ ސަރަހައްދު
ފުޑް ކޯޓްތައް ތަރައްގީ ކުރާ ސަރަހައްދު
ފާތިމަތު ޝަނާ މުހައްމަދު
ފުޑް ކޯޓްތަކުގެ މަސައްކަތް
ދެ ފަހަރު ސަތަރި ބަދަލުކުރަންޖެހި، ފުޑް ކޯޓްތައް ނުހުޅުވި ދެ އަހަރު
 
އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެސްޓީއޯއާ
 
25 ފުޑް ކޯޓް އެ ސަރަހައްދުގައި އެޅުމަށް ވަނީ ހަމަޖެހިފައި
 
ފުޑް ކޯޓްތައް ހަވާލުކުރީ ހަ މަސް ދުވަހުގެ ތެރޭގައި ނިންމަން

މާލޭގެ މަލަމަތި ރީތި ކުރުމާއި މާލެ ސިޓީ ތަރައްގީ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެސްޓީއޯއާ ހަވާލުކޮށްގެން ފުޑް ކޯޓްތަކެއް އެޅުމުގެ މަސައްކަތެކެވެ.

ގާތްގަނޑަކަށް 18 އަހަރު ވަންދެން މާލޭ ހުޅަނގު ދެކުނު ބަނދަރު ސަރަހައްދުގައި ހުރި ކެފޭތައް ނުވަތަ ކަޑަތަކަކީ ރައްޔިތުން އެންމެ އަގު ހެޔޮކޮށް ކެއުމުގެ ކަންކަން ހަމަޖެއްސުމަށް ބޭނުން ކުރި ތަންތަނެވެ. އެ ސަރަހައްދުގައި ހުރި ކެފޭތަކަކީ ދަތުރުވެރިން ވެސް އެންމެ ގިނައިން ކެއުމުގެ ކަންކަން ހަމަޖައްސަން ބޭނުންކުރި ކެފޭތަކެވެ.

އެހެން ނަމަވެސް އޭރުވެސް ދޭތެރެ ދޭތެރެއިން އެ ސަރަހައްދުގެ ފުޑް ސްޓޯލުތަކުގެ ސާފުތާހިރު ކަމުގެ މައްސަަލަ ފެންމަތިވެއެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ވުރެ ދަށުގައި ސާފުތާހިރުކަން ހުރުމުން ދޭތެރެ ދޭތެރެއިން ކަޑަތައް ބަންދުކުރާ ވާހަކަ ވެސް އަޑު އިވެއެވެ.

ސަރުކާރުން ހުޅަނގު ދެކުނު ބަނދަރު ސަރަހައްދު ތަރައްގީކުރުމުގެ ގޮތުން އެ ސަރަހައްދުގައި ހުރި ކެފޭތައް ނެގީ ޑިވެލޮޕްޑް ސިޓީއެއްގެ މަލަމަތި ސިފަކޮށްދިނުމުގެ ބޭނުމުގައެވެ. އެތަނުގައި ޒަމާނީ ކެފޭތައް ތަރައްގީ ކުރުމުގެ ބޭނުމުގައެވެ. ތަސައްވުރެއްގެ ގޮތުން ދެއްކީ ވެސް ސިންގަޕޫރުގައި ހުންނަ ފަދަ ފުޑް ކޯޓްތަކެވެ. 

މަސައްކަތް ހަވާލުކޮށްފައި ވަނީ ސަރުކާރު ކުންފުންޏެއް ކަމުގައިވާ އެސްޓީއޯއާ އެވެ. ބޮޑު ޕްލޭނެއް އެކުލަވާލައި މި މަސައްކަތް އޭރު ހަވާލުކުރީ ހަ މަސް ދުވަހުގެ ތެރޭގައި ނިންމާލުމަށްޓަކައެވެ. މި މަޝްރޫއުގެ ތެރެއިން އެ ސަރަހައްދުގައި ދެ ޕާކިންގ ޒޯނެއް ގާއިމް ކުރުމަށް ވެސް ވަނީ ނިންމާފައެވެ. އަދި އަންހެނުންނާއި ފިރިހެނުންނަށް ވަކިން ފާހާނާ ބަރިއެއް ވެސް އެޅުމަށް ހަމަޖެހިފައި ވެއެވެ.

ގާތްގަނޑަކަށް 30 ހާސް އަކަފޫޓުގެ އެ ސަރަހައްދުގައި 25 ނުވަތަ 27 ފުޑް ކޯޓް އެޅޭނެ ކަމަށް ހައުސިންގް މިނިސްޓްރީން ހާމަކޮށްފައި ވެއެވެ. ކުރިން އެ ސަރަހައްދުގައި ގާތްގަނޑަކަށް 40 ވަރަކަށް ކަޑަ ނުވަތަ ފުޑް ސްޓޯލް ހުއްޓެވެ.

ޒަމާނީ ފެންވަރަކަށް ތަރައްގީކުރާ މި ފުޑް ކޯޓްތަކުގެ މަސައްކަތް ލަސްވަމުން ގޮސް މިހާރު ދެ އަހަރުވުމާ ގާތްވެއްޖެއެވެ. އަދި ވެސް ފުޑް ކޯޓްތަކެއް ނުފެނެއެވެ. ކަން ހިނގައިދިޔަ ގޮތް އޮޅުން ފިލުވުމަށް އެކި ފަހަރު މަތިން އެސްޓީއޯގެ އިސްވެރިންނަށް ވެސް ގުޅިއްޖެއެވެ.

މި އަހަރުގެ ޖޫން މަހު އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަހީރު ރާއްޖެއެމްވީއަށް ވިދާޅުވެފައި ވަނީ ފުޑް ކޯޓް އެޅުމުގެ މަސައްކަތުގެ ތެރެއިން އެ ސަރަހައްދުގައި ޒަމާނީ ޓެންޓްތައް ތަރައްގީ ކުރުމުގެ މަސައްކަތް އޭރު ކުރަން ފަށާފައިވާ ކަަމަށެވެ. އެ މަސައްކަތުގެ ތެރެއިން އޭރު ފައުންޑޭޝަންގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން ބްލޮކް އެކެއް އަދި ދޭއްގެ މަސައްކަތް ޖުލައި މަހު ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

 

 

ޝަހީރު ވިދާޅުވީ، ހަތަރު ބްލޮކަށް ބަހާލައިގެން، ފުޑް ކޯޓުތައް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މަސައްކަތް ލަސްވެގެންދިޔައީ ބޭރުން ގެންނަންޖެހޭ ސާމާނުތައް ގެނައުމުގައި ލަސްވުމުގެ ސަބަބުން ކަމަށް ވެސް އޭރު ޝަހީރު ވިދާޅުވިއެވެ.

އެެހެން ނަމަވެސް އޮކްޓޫބަރު މަސް ނިމުނު އިރު ވެސް ޝަހީރު އެ ވިދާޅުވި ދެ ބްލޮކު، އަދި އޭގެ ތެރެއިން އެއް ބްލޮކުގެ މަސައްކަތް ވެސް ކުރެވިފައެއް ނުވެއެވެ. ޓެންޓްތައް އެޅި ނަމަވެސް މިހާރު ހުރީ ހަމައެކަނި އޮނިގަނޑެވެ. ސަތަރިތައް ވަނީ ނަގާފައެވެ. 

އެކަން ވެގެންދިޔަ ގޮތް އޮޅުން ފިލުވުމަށް މަސައްކަތްކުރި ނަމަވެސް އެސްޓީއޯ އިން ޖަވާބުދާރީވާނެ ފަރާތެއް ނުވިއެވެ. އެތަށް ފަހަރު މެސެޖުކޮށް ގުޅުމުން ވެސް ޖަވާބެއް ލިބިފައެއް ނުވެއެވެ.

އެހެން ނަމަވެސް އެ ސަރަހައްދުގެ ކޮންސްޓްރަކްޝަން މަސައްކަތްކުރާ ފަރާތަކުން ރާއްޖެއެމްވީއަށް ކިޔައިދިން ގޮތުގައި މިދިޔަ ޖުލައި މަހުން ފެށިގެން ގިނަ ދުވަސްތަކެއް ވަންދެން ފުޑް ކޯޓްތަކުގެ މަސައްކަތް އޮތީ ހުއްޓިފައެވެ. އަދި މަސައްކަތް އެހާ ބޮޑަށް ލަސްވެފައި ވަނީ އެ ސަރަަހައްދުގައި ޒަމާނީ ޓެންޓްތައް ޖެހުމައްޓަކައި ގެނެސްފައިވާ ސަތަރިތައް ދެ ފަހަރެއްގެ މަތިން ބަދަލުކުރަން ޖެހުމުން ކަމަށް އޭނާ ބުންޏެވެ. އެގޮތުން ފުރަތަމަ ފަހަރު ސަތަރި ބަދަލު ކުރަންޖެހުނީ، ދަގަނޑު ތަނބުތަކުގައި ހަރުކުރުމުގެ ކުރިން ސަތަރިތައް ވަރަށް ބޮޑަށް ހަޑިވުމުން ކަމަށް އޭނާ ބުންޏެވެ. އަދި ދެވަނަ ފަހަރު ސަތަރި ބަދަލު ކުރީ ސަތަރިތައް ހަރުކުރި ފަހުން އެ ސަތަރިތައް ފަޅައިގެން ދިއުމުންނެވެ. އަނެއްކާވެސް އެ މަސައްކަތް ކުރުމަށް ގެނެސްފައި ހުރީ ހަމަ ކުރިން ދެ ފަހަރު ވެސް ބޭނުންކުރި ވައްތަރުގެ ސަތަރިއެވެ. 

މި މަސައްކަތް ކުރަނީ އެސްޓީއޯގެ ހަރަދުގައި ނަމަވެސް، އެސްޓީއޯއަކީ ސަރުކާރު ހިއްސާވާ ކުންފުންޏެވެ. މިކަމަށް ހިނގާ ހަރަދުތަކުގެ ތެރެއިން އެއްވެސް މިންވަރެއް އިސްރާފުވުމަކީ ހަމަ ސަރުކާރަށް ލިބޭނެ ގެއްލުމެވެ. 

ފުޑް ކޯޓުތަކުގެ މަސައްކަތް ކޮށްމެވެސް ވަރަކަށް މިހާރު ކުރިއަށް ދިޔަ ނަމަވެސް އެ މަސައްކަތް ނިންމައި އާންމުންނަށް ހުޅުވާލެވޭނެ އިރެއް އަދި ނޭނގެއެވެ. އެކަމާ ބެހޭ ގޮތުން އެސްޓީއޯ އިން މައުލޫމާތެއް ނުދެއެވެ. ފުޑް ކޯޓްތަކުގެ އިތުރުން ވެސް ޓީޖެޓީއާ ގުޅިފައިވާ އެ ސަރަހައްދު ބަންދުކޮށް ގިނަ މަސައްކަތްތަކެއް ކުރިއަށް އެބަދެއެވެ. މަގުހެދުމާއި އެނޫން ވެސް ތަންތަން ހެދުމުގެ މަސައްކަތްތަކެއް ކުރިއަށް އެބަދެއެވެ. ނަމަވެސް މުސްތަގުބަލުގައި އެތަން ފެނިގެންދާނެ ގޮތެއް ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ. މާގިނަ މައުލޫމާތުތަކެއް ފޯރުކޮށްދީފައެއް ވެސް ނުވެއެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
14%
0%
0%
86%
ކޮމެންޓް