ކ. މާލެ
|
10 ނޮވެންބަރ 2017 | ހުކުރު 19:48
އަންނަ އަހަރު ރަޝިއާގައި ބާއްވާ ވޯލްޑް ކަޕުގެ ރަސްމީ ބޯޅަ އަދި ވޯލްޑް ކަޕުގެ ޓްރޮފީ
އަންނަ އަހަރު ރަޝިއާގައި ބާއްވާ ވޯލްޑް ކަޕުގެ ރަސްމީ ބޯޅަ އަދި ވޯލްޑް ކަޕުގެ ޓްރޮފީ
ފީފާ
ފީފާ ވޯލްޑް ކަޕް 2018
ޓެލްސްޓާރ 18 – ވޯލްޑް ކަޕްގެ ރަސްމީ ބޯޅަ
 
ި މި ބޯޅަ ތައާރަފް ކޮށްދިނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ
 
މި ބޯޅައިގައި 'އެންއެފްސީ' ޗިޕެއް ހަރުކުރެވިފައިވޭ
 
މި ބޯޅައަކީ 1970 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އެ ކުންފުނިން އުފެއްދި 'ޓެލްސްޓާރ' ބޯޅަ އަސްލަކަށް ބަލައިގެން އުފައްދާފައިވާ ބޯޅައެއް

އަންނަ އަހަރު ރަޝިއާގައި ބާއްވާ ފީފާ ވޯލްޑް ކަޕުގައި ބޭނުން ކުރުމަށް ހަމަޖެހިފައިވާ ރަސްމީ ބޯޅަ އާންމުކޮށް ދައްކާލައިފިއެވެ.

ޖަރުމަނުގެ 'އެޑިޑާސް' ކުންފުނިން އުފައްދާ މި ބޯޅައަށް ދީފައިވާ ނަމަކީ 'ޓެލްސްޓާރ 18' އެވެ. އެ ކުންފުނިން ބުނެފައިވަނީ މި ބޯޅައަކީ 1970 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އެ ކުންފުނިން އުފެއްދި 'ޓެލްސްޓާރ' ބޯޅައަށް ޒަމާނީ ބަދަލުތަކެއް ގެނެސް ޓެކްނޮލޮޖީގެ އެކިއެކި ސިފަތަކާއެކު އުފައްދާފައިވާ ބޯޅައެއް ކަމަށެވެ. ހަމައެހެންމެ އެ ކުންފުނީގެ އުއްމީދަކީ އަންނަ އަހަރުގެ ވޯލްޑް ކަޕުގައި ކުޅުންތެރިންގެ ފަރާތުން ތަފާތު ފެނިގެންދިޔުމަށް މި ބޯޅައަކީ އެންމެ ބޮޑު އެހީތެރިޔަކަށް ވެގެން ދިޔުން ކަމަށް ވެސް އެޑިޑާސްއިން ހާމަކޮށްފައިވެއެވެ.

މީގެ 48 އަހަރުކުރިން އެންމެ ފުރަތަމަ އުފެއްދި 'ޓެލްސްޓާރ' ބޯޅައަށް އެ ނަން ދީފައިވަނީ ޓީވީގެ ޒަރިއްޔާއިން އެ ބޯޅައަށް ލިބުނު ތަރުހީބު ބޮޑުވުމުގެ ސަބަބުންނެވެ. އެންމެ ފުރަތަމަ އުފެއްދި 'ޓެލްސްޓާރ' ބޯޅަ ވެގެން ގޮސްފައިވަނީ ކަޅު ޕެނަލްތަކެއް ބޭނުން ކޮށްގެން ބޯޅައެއް ފަރުމާކުރެވުނު ފުރަތަމަ ފަހަރަށެވެ. އެގޮތަށް އެ ބޯޅަ ފަރުމާކުރެވިގެން ދިޔައީ އޭރު ބޭނުން ކުރެވެމުންދިޔައީ ކަޅާއި ހުދުގެ ޓީވީތަކުގެ ސަބަބުންނެވެ. މި ބޯޅަ ވެގެން ގޮސްފައިވަނީ ފުޓްބޯޅައިގެ ދުނިޔެއަށް އިންގިލާބެއް ގެނުވި ބޯޅައަކަށެވެ.

އަންނަ އަހަރުގެ ވޯލްޑް ކަޕުގައި ބޭނުން ކުރުމަށް ހަމަޖެހިފައިވާ މި ބޯޅައިގައި 'އެންއެފްސީ' ޗިޕެއް ހަރުކުރެވިފައިވެއެވެ. އެއީ ސްމާޓްފޯނު މެދުވެރިކޮށް ބޯޅައާއި މުއަމަލާތް ކުރެމުގެ ފުރުސަތު ބޯޅަ ބޭނުންކުރާ ފަރާތްތަކަށް ދިނުމުގެ ގޮތުން ހަރުކުރެވުނު ޗިޕެއް ކަމަށް އެޑިޑާސްއިން ބުނެފައިވެއެވެ. އެ ޗިޕު މެދުވެރިކޮށް ބޯޅައިގެ ލޮކޭޝަން ދެނެގަނެވޭނެ ކަމަށާއި މި ބޯޅަ އުފެއްދުމުގައި ރީސައިކަލް ކުރެވިފައިވާ މާއްދާތައް ބޭނުން ކުރެވިފައިވާ ކަމަށް އެޑިޑާސްއިން ހާމަކޮށްފައިވެއެވެ.

މި ބޯޅަ ދައްކާލުމަށް ބޭއްވި ހަފްލާގައި ބޯޅަ ތައާރަފް ކޮށްދިނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއެވެ. ބޯޅައާ ބެހޭ ގޮތުން މެސީ ބުނެފައި ވަނީ ބޯޅައިގައި އަލަށް އެކުލެވިފައިވާ ސިފަތަކާއި ބޯޅައިގެ ކުލަޔާއި އެހެނިހެން ހުރިހާ ކަމެއް ވެސް ވަރަށް ފުރިހަމަ ކަމަށާއި ބޯޅަ ތައާރަފް ކުރުމުގެ ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

އެޑިޑާސް ކުންފުންޏަކީ 1970 ވަނަ އަހަރުން ފެށިގެން ފީފާ ވޯލްޑް ކަޕުގެ ރަސްމީ ބޯޅަ އުފައްދަމުން އަންނަ ކުންފުންޏެވެ.

އަންނަ އަހަރު ރަޝިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕުގެ ރަސްމީ ބޯޅަ އާންމުކޮށް ދައްކާލާފައިވާއިރު ވޯލްޑް ކަޕް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް