ކ. މާލެ
|
9 ނޮވެންބަރ 2017 | ބުރާސްފަތި 22:15
ސަޢޫދީގެ ވަލީޢަހުދު މުހައްމަދު ބިން ސަލްމާން: ކޮރަޕްޝަނާއި ދެކޮޅަށް ފަށާފައިވާ އޮޕަރޭޝަންގެ އިސް މޭސްތިރި
ސަޢޫދީގެ ވަލީޢަހުދު މުހައްމަދު ބިން ސަލްމާން: ކޮރަޕްޝަނާއި ދެކޮޅަށް ފަށާފައިވާ އޮޕަރޭޝަންގެ އިސް މޭސްތިރި
ގޫގުލް
ސަޢޫދީ ޢަރަބިއްޔާ
ސަޢޫދީ ޢަރަބިއްޔާ: 201 މީހަކު ހައްޔަރުކުރެވިފައި، 100 ބިލިއަން ޑޮލަރުގެ ޚިޔާނާތްވެފައި!
 
ބާރުގަދަ ވިޔަފާރިވެރިން ކަމަށްވާ އަލްވަލީދު ބިން ތަލާލް، ބަކްރް ބިން ލާދިން، ނާސިރު އައްތާރު ވަނީ ހައްޔަރުކުރެވިފައި
 
ހައްޔަރުކުރެވުނު ބޭފުޅުންގެ ތެރޭގައި ބާރުގަދަ 11 އަމީރަކާއި، 4 ވަޒީރުން ހިމެނޭ
 
208 މީހަކާއި ސުވާލު ކުރެވި، 7 މީހަކު ދޫކޮށްލެވިފައި

ސަޢޫދީ ޢަރަބިއްޔާގައި ކޮރަޕްޝަނާއި ދެކޮޅަށް ފަށާފައިވާ މަސައްކަތުގައި ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް 201 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ސަޢޫދީގެ ބަންޑާރަ ނައިބު ޝެއިޚް ސަޢުދު އަލް މުޖީބު ވިދާޅުވެއްޖެއެވެ.

ގިނަ އަދަދެއްގެ ވިޔަފާރިވެރިންނާއި ޝާހީ އާއިލާގެ އަމީރުން ހައްޔަރުކުރަމުންދާ މައްސަލައިގައި ސަޢޫދީ ސަރުކާރުގެ ފަރާތުން ރަސްމީކޮށް ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން ބަންޑާރަ ނައިބު ވިދާޅުވީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ކޮރަޕްޝަނާއި ޚިޔާނާތުގެ ތެރެއިން 100 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދަކަށް ޚިޔާނާތްވެފައިވާ ކަމަށެވެ. އަދި މިމައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތްތަކާއި ދެކޮޅަށް ވަރުގަދަ ހެކިތަކެއް އެބަހުރިކަމަށް އޭނާ ވިދާޅުވިއެވެ.

ސަޢޫދީގެ ބަންޑާރަ ނައިބު ޝެއިޚް ސަޢުދު އަލް މުޖީބު ވިދާޅުވީ ގިނަ އަދަދެއްގެ ބައެއްގެ އަމިއްލަ އެކައުންޓްތައް ފްރީޒް ކުރަމުންދާއިރު، އެކަމުގެ ސަބަބުން ސަޢޫދީގެ އިޤްތިޞާދަށް ލޮޅުމެއް ނާރާނެ ކަމަށެވެ.

މިހާތަނަށް މިމައްސަލައިގައި 201 ފަރާތެއް ހައްޔަރު ކޮށްފައިވާއިރު، 208 މީހަކާއި ސުވާލުކުރިއެވެ. އޭގެ ތެރެއިން 7 މީހަކު ވަނީ ސުވާލުކުރުމަށް ފަހު ދޫކޮށްލާފައެވެ.

ހައްޔަރު ކުރެވިފައިވާ ފަރާތްތަކުގެ ނަންތައް ސަޢޫދީ ސަރުކާރުން ހާމަކުރަން ވަނީ ދެކޮޅު ހަދާފައެވެ. ސަޢޫދީގެ ބަންޑާރަ ނައިބު ޝެއިޚް ސަޢުދު އަލް މުޖީބު ވިދާޅުވީ އެމީހުންގެ ނަންތައް ހާމަނުކުރާނެ ކަމަށާއި، އެމީހުންނަށް ސަޢޫދީ ޤާނޫނުން ލިބިދޭ އެންމެހާ ރައްކާތެރިކަން ލިބިދެވޭނެ ކަމަށެވެ.

ސަރުކާރުން ނަންތައް ހާމަނުކުރި ނަމަވެސް، ހައްޔަރުކުރި ބޭފުޅުންގެ ތެރޭގައި ސަޢޫދީގެ ކުރީގެ ވަލީޢަޙުދު މުހައްމަދު ބިން ނާއިފްއާއި އަމީރު އަލްވަލީދު ބިން ތަލާލް އާއި ޝާހީ އާއިލާގެ ގިނަ މެމްބަރުންތަކެއްގެ އިތުރުން ބޮޑެތި ވިޔަފާރިވެރިން ހިމެނެއެވެ. ހައްޔަރުކުރެވިފައިވާ ބޮޑެތި ވިޔަފާރިވެރިންނާއި ޝާހީ އާއިލާގެ ބޭފުޅުން ބަންދުކޮށްފައިވަނީ ވެރިރަށް ރިޔާޒްގެ ފަސްތަރީގެ ހޮޓަލެއްކަމަށްވާ ރިޒް ކާލްޓަންގައެވެ.

ސަޢޫދީ ވަލީޢަޙުދު މުޙައްމަދު ބިން ސަލްމާންގެ ފުރިހަމަ ކޮންޓްރޯލާއިއެކު ހިނގާ މިއޮޕަރޭޝަން ކުރިއަށް ގެންދަނީ ރަސްގެފާނު ސަލްމާން ބިން އަބްދުލްޢަޒީޒް ނިމިދިޔަ ހަފްތާ ބަންދުގައި އެކުލަވާލި ކޮމިޓީއަކުންނެވެ. ފުރިހަމަ ބާރާއިއެކު މަސައްކަތް ކުރާ މި ކޮމިޓީއަށް މީހުން ހައްޔަރުކުރުމާއި، ދަތުރުފަތުރުކުރުން މަނާކުރުން އަދި މުދާ ހިފެހެއްޓުމުގެ ބާރުތައްވަނީ ދީފައެވެ. ދިރާސާކުރާ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މިއީ ކޮރަޕްޝަނާއި ދެކޮޅަށް ކުރާ މަސައްކަތަކަށް ވުރެ ބޮޑަށް ވަލީޢަހުދު މުހައްމަދު ބިން ސަލްމާންގެ ބާރު ޝާހީ އާއިލާއާއި މެދުއިރުމަތީގައި އިތުރުކުރުމަށް ކުރާ މަސައްކަތެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
100%
0%
0%
0%
ކޮމެންޓް