ކ. މާލެ
|
9 ނޮވެންބަރ 2017 | ބުރާސްފަތި 18:10
އެފްއޭއެމްގެ އިމާރާތް: ގޯލް ކީޕަރުން އުފެއްދޭ މިންވަރު ވަރަށް ދަށް
އެފްއޭއެމްގެ އިމާރާތް: ގޯލް ކީޕަރުން އުފެއްދޭ މިންވަރު ވަރަށް ދަށް
ވީނިއުސް
ގައުމީ ޓީމް
ގޯލްކީޕިން އެކަޑަމީއެއް އުފައްދަނީ
 
ލީގުގައި ގަވާއިދުން ކުޅެމުން އަންނަ ދެ ކީޕަރަކަށް ގައުމީ ޓީމުން ޖާގަ ދީފައި ނުވާތީ އެފްއޭއެމްއަށް ބޮޑެތި ފާޑުކިޔުންތަކާއި ވަނީ އަމާޒުވެފައި
 
ގައުމީ ޓީމަށް ކީޕަރުންގެ ދަތިކަން ވަނީ ކުރިމަތި ވެފައި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ގޯލްކީޕިން އެކަޑަމީއެއް އުފައްދަން އުޅޭކަމުގެ އިޝާރާތެއް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެއްމް) އިން ދީފިއެވެ.

އޭޝިއަން ކަޕްގެ ކޮލިފައިންގައި ރަށުން ބޭރުގައި ފަލަސްތީނާއި ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމު ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒު (ޖަވާ) ވިދާޅުވީ އަވަސް މުސްތަގުބަލެއްގައި ގޯލްކީޕިން އެކަޑަމީއެއް ރާއްޖޭގައި ގާއިމުކުރުމުގެ ވިސްނުން އެބަހުރި ކަމަށާއި އެކަމުގެ ޓެކްނިކަލް ތަފްސީލުތައް ވަރަށް އަވަހަށް މީޑިއާއަށް ހާމަކުރާނެ ކަމަށެވެ.

މި އެކަޑަމީގެ ދަށުން ހުރިހާ އުމުރުފުރާއެއްގެ ގޯލް ކީޕަރުން ތަމްރީނުކުރުމުގެ މަސައްކަތް ކުރިޔަށް ދާނެ ކަމަށް ޖަވާ ވިދާޅުވިއެވެ.

ގޯލްކީޕިން އެކަޑެމީއެއް އުފެއްދުމުގެ މަސައްކަތް ކުރާއިރު، މިއީ ރާއްޖޭ ގައުމީ ޓީމަށް ކީޕަރުންގެ ދަތިކަން ކުރިމަތިވެފައިވާ ދަނޑިވަޅެކެވެ.

މިފަހަރުގެ ގައުމީ ޓީމުގެ ސްކޮޑުން ފުރުސަތު ދީފައިވާ މުހައްމަދު ފައިސަލް އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގައި އަދި މެޗެއް ކުޅެފައި ނުވާއިރު ދެން ނެގި ދެ ކީޕަރުން ކަމަށްވާ އަބްދުﷲ ޒިޔަޒަން އާއި ޒުވާން ކީޕަރު ހުސައިން ޝަރީފް އަދި ލީގުގެ ދެ ބުރު އެއްކޮށް ވެސް އެއްވެސް މެޗެއް ކުޅެފައެއް ނުވެއެވެ. ލީގުގެ ގިނަ ޓީމުތަކުގެ ގޯލު މިވަގުތު ބަލަހައްޓަމުން އަންނަނީ ބިދޭސީ ކީޕަރުންނަށް ވާއިރު ގަވާއިދުން ލީގުގައި ކުޅެމުން އަންނަ ރާއްޖޭގެ ދެ ކީޕަރަކަށް ސްކޮޑުން ފުރުސަތު ނުދިނުމާއި ވިދިގެން އެފްއޭއެމްއަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒު ވެފައެވެ.

ގައުމީ ޓީމުގެ ގޯލް ކީޕަރު ޓްރެއިނަރު އަސްލަމް އަބްދުލް ކަރީމް ބުނެފައިވަނީ އެ ދެ ކުޅުންތެރިންނަށް ފުރުސަތު މިފަހަރު ގެއްލުނީ ޓެކްޓިކަލް ސަބަބުތަކާ ހުރެ ކަމަށެވެ. އެގޮތުން ސްކޮޑަށް ނެގި ދެ ކުޅުންތެރިން ވެސް އަނެއް ދެ ކީޕަރުންނަށް ވުރެ ރަނގަޅު ތަމްރީނުތަކެއް ލިބިފައިވާކަމަށް އޭނާ ފާހަގަކުރިއެވެ. އެގޮތުން މާޒިޔާ އަދި ނިއު ރޭޑިއަންޓަ ފަދަ ޓީމުތަކުގައި ގޯލްކީޕިން ޓްރެއިނިން ވަރަށް ރަނގަޅަށް ކުރިޔަށް ގެންދާ ކަމަށާއި އެފަދަ ޓީމަކުން އެ ކުޅުންތެރިން ތަމްރީނުވެއްޖެ ނަމަ ގައުމީ ޓީމަށް އެރުމުގެ ފުރުސަތު ބޮޑު ވާނެ ކަމަށް އަސްލަމް ބުނެފައިވެއެވެ.

ރާއްޖޭގެ ލީގުގައި ގަވާއިދުން ކުޅެމުން އަންނަ ކީޕަރުންގެ އަދަދު މަދުވެފައިވުމަކީ ގައުމީ ޓީމަށް ކީޕަރުން ނެގުމުގައި ފަހަކަށް އައިސް ދިމާވަމުން އަންނަ ބޮޑު ގޮންޖެހުމެކެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
100%
ކޮމެންޓް