ކ. މާލެ
|
6 ސެޕްޓެންބަރ 2017 | ބުދަ 12:00
ސޫކީގެ ސަރުކާރުން ހިންގާ އުދުވާނާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން ސޫކީގެ ފޮޓޯއެއް އަންދަނީ
ސޫކީގެ ސަރުކާރުން ހިންގާ އުދުވާނާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން ސޫކީގެ ފޮޓޯއެއް އަންދަނީ
އޭޕީ
ރޮހިންޖާ މުސްލިމުން
ރޮހިންޖާއާ ދެކޮޅަށް ހިންގާ ގަތުލުއާއްމު ހައްދުފަހަނަ އަޅާފަ، އެންމެ ފަހުން ސޫކީ އަނގައިން ބުނެފި!
 
ސޫކީ ވިދާޅުވަނީ ހައްގުތައް ކަށަވަރުކޮށް ރައްކާތެރިކޮށްދޭ ކަމަށް
 
ރޮހިންޖާއަށް އެހީވުމުގެ ފުރުސަތު ތުރުކީއަށް ދިން
 
ތުރުކީގެ ރައީސްއާއެކު ކުރި ފޯން ކޯލެއްގެ ތެރެއިން

މިޔަންމާގައި ދިރިއުޅޭ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ސަރުކާރުން ހިންގަމުންގެންދާ ލާއިންސާނީ އުދުވާނުގައި އެތައް ސަތޭކަ ބަޔަކު މަރާލައިފި އެވެ. މިޔަންމާ ސަރުކާރުގެ ކުރިމަތީގައި ރޮހިންޖާ ދަރިކޮޅުގެ މީހުންނަކީ ޓެރަރިސްޓުންނެވެ. އެ ދަރިކޮޅުގެ މީހުންގެ ނަސްލު އެއްކޮށް ނައްތާލުމަށް ބުދިސްޓުންގެ ބޮޑު އާބާދީއެއް އޮންނަ މިޔަންމާ އިން ދަނީ މަސައްކަތް ކުރަމުންނެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުން މި އުދުވާން ސިފަކުރަމުން ދަނީ ޔަހޫދީންނާ ދެކޮޅަށް އެޑޮލްފް ހިޓްލަރު ހިންގި ފަދަ ގަތުލު އާއްމެއްގެ ގޮތުގަ އެވެ. ހުރިހާ ފާޑުކިޔުމަކާއި ރުޅިވެރިކަމެއް އަމާޒުވެފައިވަނީ މިޔަންމާގެ ސްޓޭޓް ކައުންސެލަރ އަންގ ސަން ސޫކީ އަށެވެ. ނޯބަލް ސުލްހައިގެ އިނާމު ލިބިފައިވާ ސޫކީ އަކީ އެގައުމުގެ ޑި ފެކްޓޯ ލީޑަރެވެ.

ރޯހިންޖާ މުސްލިމުންގެ ގެތައް އަންދައި އަޅައި ހަދައި، އަންހެނުން ރޭޕްކޮށް، ކުޑައެއް ބޮޑެއް ބެލުމެއް ނެތި ގަތުލުކުރަމުންދާއިރު، ސުލްހައިގެ އިނާމު ލިބިފައިވާ ސޫކީ ހަނު ހުންނެވުމަކީ، އެ އިނާމު އަތުލަންޖެހޭ ސަބަބެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުގައި ސޫކީއާ ދެކޮޅަށް ދަނީ މުޒާހަރާ ކުރަމުންނެވެ. "ޗެމްޕިއަން އޮފް ހިއުމަން ރައިޓްސް" ލަގަބު ހައްގު ނޫން ކަމަށް ބުނެ އެތައް މިލިއަން މީހުންނެއް އިހުތިޖާޖު ކުރަނީ އެވެ. ރޮހިންޖާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް މީގެ ދެ ހަފްތާ ކުރިން ފެށި އުދާވާނާ ގުޅޭ ގޮތުން ހަނު ހުންނެވުމަށް ފަހު ސޫކީ މިވަނީ "އަނގައިން ބުނެފަ" އެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އޮރްދޮޣާންއާއެކު ކުރެއްވި ފޯން ކޯލެއްގައި ސޫކީ ވިދާޅުވީ ރޮހިންޖާ ދަރިކޮޅުގެ ހައްގުތައް ރައްކާތެރިކުރުމަށް މިޔަންމާގެ ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. "އަހަރެމެންނަށް ވަރަށް ރަނގަޅަށް އެނގޭ، އެހެން މީހުންނަށް ވުރެ ބޮޑަށް، އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ ރައްކާތެރިކަން ނިގުޅައިގަތުމުން ކަންތައްވާ ގޮތް،" ތުރުކީ ސަރުކާރުން އާންމު ކޮށްފައިވާ ފޯން ކޯލުގެ ރީޑްއައުޓްގައި ސޫކީ ވިދާޅުވި ކަމަށް ބަޔާން ކޮށްފައިވެއެވެ.

ސޫކީ ވިދާޅުވެފައިވަނީ މިޔަންމާގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ ސިޔާސީ ހައްގުތަކާއި އިންސާނީ އަދި އިޖުތިމާއީ ހައްގުތައް ވެސް ކަށަވަރުކޮށް ރައްކާތެރިކުރުމަށް މަސައްކަތް ކުރާ ކަމަށެވެ. ސޫކީ ވިދާޅުވެފައިވަނީ "ޓެރަރިސްޓުންގެ" މަސްލަހަތު ހިމާޔަތް ކުރުމަށް ދޮގު މައުލޫމާތުތަކެއް ފަތުރަމުންދާ ކަމަށެވެ. ރޮހިންޖާ ދަރިކޮޅުގެ މީހުން ދިރިއުޅޭ ރަކީން ސްޓޭޓާ ގުޅޭ ގޮތުން ސޫކީ ވިދާޅުވީ އެ ސަރަހައްދުގައި ޓެރަރިޒަމް ފެތުރިގެން ނުދިއުން ކަށަވަރުކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.

ރޮހިންޖާ ދަރިކޮޅާ ދެކޮޅަށް މިޔަންމާގެ އަސްކަރިއްޔާއިން ހިންގަމުން ގެންދާ ލާއިންސާނީ އުދުވާނުން ސަލާމަތްވުމަށް ގާތްގަނޑަކަށް 123،000 މީހުން އެގައުމާ ބަންގްލަދޭޝް ގުޅޭ ބޯޑަރަށް ޖަމާވެފައިވާ ކަމަށް 'ސީއެންއެން' ރިޕޯޓް ކޮށްފައިވެއެވެ. ރެފިއުޖީންތަކަކަށް ވެފައިވާ ރޮހިންޖާ ދަރިކޮޅުގެ މީހުން ބޯޑަރަށް ގޮސްފައިވަނީ ގާތްތިމާގެ މީހުންގެ މަރާއި، ދިރިއުޅުމަށް ކުރި ހުރިހާ މަސައްކަތެއް ނެތިކޮށްލުމުގެ ހިތާމަވެރި ވާހަކަތަކާއެކު އެވެ. ހިއުމަން ރައިޓްސް ވޮޗް އިން އާއްމުކޮށްފައިވާ ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި ރޮހިންޖާ ދަރިކޮޅުގެ މީހުން ދިރުއުޅުނު ހިސާބުތައް ވަނީ އެއްކޮށް އަންދާ އަޅިއަށް ހަދާލާފަ އެވެ.

އިންސާނީ އެހީ މިޔަންމާއަށް ގެންދިއުމުގެ ފުރުސަތު

ތުރުކީގެ ރައީސް އޮރްދޮޣާންއާއި ސޫކީގެ ފޯން ކޯލަށް ފަހު، ތުރުކީގެ ރައީސް އޮފީހުގެ ތަރުޖަމާނަ އިބްރާހިމް ކާލިން ވިދާޅުވީ ރޮހިންޖާ މީހުން ދިރިއުޅޭ ރާކީން ސްޓޭޓަށް އެއްހާސް ޓަނުގެ އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު ޓަރކިޝް ކޯޕަރޭޝަން އެންޑް ކޯޑިނޭޝަން އެޖެންސީ(ޓީކާ) އަށް މިޔަންމާ އިން ދީފައިވާ ކަމަށެވެ. އިބްރާހިމް ވިދާޅުވީ އެހީ ފޯރުކޮށްދެވޭނީ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ އާއިލާތަކަށް ކަމަށާއި އެމީހުންނަށް އެހީ ލިބޭކަން ކަށަވަރުކުރުމުގެ ގޮތުން ސިދާ އެމީހުންގެ ގެތަކާއި އަވަށްތަކާ ހަމައަށް އެހީ ގެންގޮސްދޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ފުރަތަމަ ބުރުގައި އެހީ ފޯރުކޮށްދޭނީ ހަމަލާތަކުން ސަލާމަތްވުމަށް ފަރުބަދަމަތީ ސަރަހައްދުތަކަށް ފިލައިގެން ދިޔަ މީހުންނަށް ކަމަށެވެ. އެގޮތުން އެ މީހުންނަށް ކާނާއާއި އަންނައުނު ފޯރުކޮށްދިނުމަށް ވަނީ ނިންމާފަ އެވެ. މިޔަންމާގެ އަސްކަރިއްޔާއިން އުދުވާން ހިންގަމުންދާތީ ތުރުކީން ނިންމާފައިވާ އަސްކަރީ ހެލިކަޕްޓަރުތަކުގައި އެހީ ފޯރުކޮށްދިނުމަށެވެ. 

ރޮހިންޖާ މުސްލިމުންނަށް އެހީތެރިވުމުގެ މަސައްކަތް ކުރަމުންދަނީ ހަމައެކަނި ތުރުކީއަކުންނެއް ނޫނެވެ. މައިގްރެންޓް އޮފްޝޯ އެއިޑް ސްޓޭޝަން ފައުންޑޭޝަން(މޯސް) އިން ވެސް ދަނީ ރޮހިންޖާ މީހުންނަށް އެހީތެރިވުމުގެ މަސައްކަތް ކުރަމުންނެވެ. މޯސް އަކީ މެޑިޓެރޭނިއަން ހުރަސްކޮށް ޔޫރަޕަށް އެތެރެވާން މަސައްކަތް ކުރާ ރެފިއުޖީންނަށް އެހީތެރިވުމުގެ މަސައްކަތް 2014 ވަނަ އަހަރުން ފެށިގެން ކުރަމުންދާ ޖަމިއްޔާ އެކެވެ. އެ ޖަމިއްޔާއިން ބުނީ ރޮހިންޖާ ދަރިކޮޅުގެ މީހުންނަށް ދިމާވެފައިވާ ހާލަތާ ގުޅިގެން ޖަމިއްޔާގެ މަސައްކަތްތައް ކުއްލި ގޮތަކަށް ދެކުނު އިރުމަތީ އޭޝިއާއަށް ބަދަލުކޮށްފައިވާ ކަމަށެވެ. 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް