ކ. މާލެ
|
4 ސެޕްޓެންބަރ 2017 | ހޯމަ 10:02
ވީނަސް ވިލިއަމްސް
ވީނަސް ވިލިއަމްސް
ދި ގާޑިއަން
ޔޫއެސް އޯޕަން
ޔޫއެސް އޯޕަން: ޝަރަޕޯވާ ކެޓިއިރު ވީނަސް ކުއާޓާއަށް
 
ވީނަސް ވިލިއަމްސް ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރު ކުރީ ސްޕެއިންގެ ކާލާ ސުއަރޭޒް ނަވާރޯ ދެ ސެޓު އެއް ސެޓުން ބަލިކޮށްގެން
 
ޝަރަޕޯވާ ކަޓާފައިވަނީ މުބާރާތުގެ 13 ވަނައަށް ސީޑު ކުރެވިފައިވާ ލެޓްވިއާގެ އަނަސްޓޭޝިއާ ސެވަސްޓޯވާ އަތުން ދެ ސެޓު އެއް ސެޓުން ބަލިވެގެން

ޔޫއެސް އޯޕަން ޓެނިސް ޗެމްޕިއަންޝިޕުގެ ކުއާޓަރ ފައިނަލަށް ވީނަސް ވިލިއަމްސް ދަތުރުކުރިއިރު މާރިއާ ޝަރަޕޯވާ މުބާރާތުން ކަޓައިފިއެވެ.

ނިއު ޔޯކުގެ ފްލަޝިން މެޑޯސްގައި ކުރިޔަށްދާ މުބާރާތުން ދުނިޔޭގެ 146 ވަނައަށް ރޭންކް ކުރެވިފައިވާ ރަޝިއާގެ މާރިއާ ޝަރަޕޯވާ ކަޓާފައިވަނީ މުބާރާތުގެ 13 ވަނައަށް ސީޑު ކުރެވިފައިވާ ލެޓްވިއާގެ އަނަސްޓޭޝިއާ ސެވަސްޓޯވާ އަތުން ދެ ސެޓު އެއް ސެޓުން ބަލިވެގެންނެވެ.

ފުރަތަމަ ސެޓު 7-5 އަކުން ޝަރަޕޯވާ ގެންދިޔަ ނަމަވެސް ސެވަސްޓޯވާ ވަނީ ފަހު ދެ ސެޓު 6-4 އަދި 6-2 އަކުން ގެންގޮސް މެޗު ކާމިޔާބު ކޮށްފައެވެ. މިއީ ޑޯޕިން މައްސަލައެއްގައި ސަސަޕެންޝަނެއް ފުރިހަމަ ކުރުމަށްފަހު ޝަރަޕޯވާ ވާދަކުރި ފުރަތަމަ މުބާރާތެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އޭނާ ބުނެފައިވަނީ މުބާރާތުގައި އޭނާގެ އެންމެ ފުރިހަމަ ކުޅުން ދެއްކުނު ކަމަށާއި އަންނަ އަހަރު މިއަށްވުރެ ވަރުގަދަކޮށް އެނބުރި އަންނާނެ ކަމަށެވެ. ޝަރަޕޯވާ ވަނީ މި މުބާރާތް 2006 ވަނަ އަހަރު ކާމިޔާބު ކޮށްފައެވެ. އޭނާވަނީ މިއަހަރުގެ މުބާރާތުގެ ފުރަތަމަ ބުރުގައި ދުނިޔޭގެ ދެވަނައަށް ރޭންކް ކުރެވިފައިވާ ސައިމޯނާ ހޭލެޕް ބަލިކޮށްފައެވެ.

ޔޫއެސް އޯޕަން ދެފަހަރު ކާމިޔާބު ކޮށްފައިވާ އެމެރިކާގެ ވީނަސް ވިލިއަމްސް ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރު ކުރީ ސްޕެއިންގެ ކާލާ ސުއަރޭޒް ނަވާރޯ ދެ ސެޓު އެއް ސެޓުން ބަލިކޮށްގެންނެވެ. ނުވަ ވަނައަށް ސީޑު ކުރެވިފައިވާ ވީނަސް ފުރަތަމަ ސެޓު 6-3 ގެންދިޔަ ނަމަވެސް ނަވާރޯ ވަނީ ދެވަނަ ސެޓު 6-3 އަކުން ގެންގޮސްފައެވެ. މެޗުގެ ނަތީޖާ ނެރެން ކުޅުނު ތިންވަނަ ސެޓު ވީނަސް ވަނީ 6-1 ގެންގޮސް މެޗު ކާމިޔާބު ކޮށްފައެވެ.  

މި ކުޅުންތެރިންގެ އިތުރުން އެމެރިކާގެ ސްލޮއާނާ ސްޓެފެންސް ވެސް ވަނީ ޖަރުމަނުގެ ޖޫލިއާ ޖޯޖެސް ދެ ސެޓު އެއް ސެޓުން ބަލިކޮށް ކުއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްފައެވެ. މި މުބާރާތުގެ މިދިޔަ އަހަރުގެ އަންހެން ސިންގަލްސްގެ ޗެމްޕިއަން ކަމަށްވާ ޖަރުމަނުގެ އެންޖެލިކް ކާބާވަނީ މި އަހަރުގެ މުބާރާތުގެ ދެވަނަ ބުރުން ކަޓާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
0%
0%
0%
0%
0%
0%
ކޮމެންޓް