ކ. މާލެ
|
2 ސެޕްޓެންބަރ 2017 | ހޮނިހިރު 09:53
ކްރިމިނަލް ކޯޓް - ކޮންމެ ދުވަހަކު ބަންދުގެ މުއްދަތު ޖެހުމަށް 35 އެއްހާ މީހުން ހާޒިރުކުރޭ
ކްރިމިނަލް ކޯޓް - ކޮންމެ ދުވަހަކު ބަންދުގެ މުއްދަތު ޖެހުމަށް 35 އެއްހާ މީހުން ހާޒިރުކުރޭ
މުހައްމަދު ޝަރުހާން
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓަށް އައީ "އީދެއް"، ބަންދުގެ މުއްދަތު ޖަހަން ނުޖެހުނު ފުރަތަމަ ދުވަސް!
 
ހާޒިރުކުރެވޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެފަ
 
ޖިނާއީ އިޖުރާއަތުގެ ގާނޫނާއެކު މުއްދަތު ޖެހުމަށް ބޮޑެތި ބަދަލުތަކެއް
 
ފެހި ގާނޫނު އަސާސީ ތަސްދީގުކުރެވުނު ފަހުން ބަންދުގެ މުއްދަތު ޖަހަން ނުޖެހުނު ފުރަތަމަ ފަހަރު

ފެހި ގާނޫނު އަސާސީ ތަސްދީގުކުރެވުނު ފަހުން ކްރިމިނަލް ކޯޓުގެ ތާރީޚުގައި ބަންދުގެ މުއްދަތު ޖަހަން ނުޖެހުނު ފުރަތަމަ ދުވަހަށް، މިއަހަރުގެ އަޟްޙާ އީދު ދުވަސް ވެއްޖެއެވެ.

ކޮންމެ ދުވަހަކީ ވެސް، އެކިއެކި ކުށްކުށުގައި ފުލުހުން ހައްޔަރުކުރާ މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރެވޭ ދުވަހެކެވެ. ނަމަވެސް، ހުކުރު ދުވަސް ވެގެން ދިޔައީ ފަހުގެ ތާރީޚުގައިވެސް ބަންދުގެ މުއްދަތަށް އެންމެ މީހަކުވެސް ހާޒިރުނުކުރާ ދުވަހަކަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި، މިއީ މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނު އަސާސީ 2008 ވަނަ ތަސްދީގު ކުރެވުނު ފަހުން ބަންދުގެ މުއްދަތު ޖަހަން ނުޖެހުނު ފުރަތަމަ ދުވަހެވެ.

ހުކުރު ދުވަހުގެ ބަންދުގެ މަޖިލިސް ބަލަހައްޓަވާ ގާޒީއަކަށް ކަނޑައެޅިފައި އޮތީ، ވަގުތީ ގޮތުން ކޯޓް ހިންގެވުމާ ހަވާލުވެ ހުންނެވި ގާޒީ އާދަމް އާރިފެވެ.

ރާއްޖެއެމްވީއާ ވާހަކަ ދެއްކެވި ކޯޓުގެ އޮފިޝަލަކު ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ކޮންމެ ދުވަހަކު ވެސް 35 އާއި ގާތްކުރާ އަދަދަކަށް ބަންދުގެ މުއްދަތު ޖެހުމަށް އެ ކޯޓަށް މީހުން ހާޒިރުކުރާ ކަމަށެވެ. އެހެން ނަމަވެސް، ގާނޫނަށް އަމަލުކުރަން ފެށި ފަހުން އެ އަދަދު ދެބައިކުޅަ އެއްބަޔަކަށް ވުރެ ދަށް ވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އަދަދު ދަށްވުމަށް މެދުވެރިވާ ސަބަބެއް ކަމަށް އޭނާ ފާހަގަކުރެއްވީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއެކު މުއްދަތު ޖަހަން ކަނޑައެޅިފައިވާ އުސޫލުތަކަށް ބަދަލު އައުމެވެ.

އެގޮތުން ކުދި ކުށްތައް ކުރާ މީހުން ޝަރުތުތަކާއެކު ދޫކޮށްލުމާއި، ކަފާލާތުގެ ދަށުން މިނިވަން ވުމުގެ ފުރުސަތު ފަހިކޮށްދީފައިވުމުގެ އިތުރުން، ބޮޑެތި ކުށްތަކުގައި ހިމެނޭ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އިޚްތިޔާރު އިޖުރާއަތުގެ ގާނޫނުގެ ދަށުން ފަނޑިޔާރަށް ލިބިދީފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް