ކ. މާލެ
|
2 ސެޕްޓެންބަރ 2017 | ހޮނިހިރު 08:54
އިންގްލޭންޑް ކުޅުންތެރިން މެޗަށް ފަހު ސަޕޯޓަރުންނަށް ޝުކުރު އަދާކުރަނީ
އިންގްލޭންޑް ކުޅުންތެރިން މެޗަށް ފަހު ސަޕޯޓަރުންނަށް ޝުކުރު އަދާކުރަނީ
ޓްވިޓަރ
ވޯލްޑްކަޕް ކޮލިފައިން
ވޯލްޑްކަޕް ކޮލިފައިން: އިންގްލޭންޑް އަދި ޖަރުމަން ފުރުސަތު ބޮޑުކޮށްފި
 
އިންގްލޭންޑް އޮތީ ކުޅުނު ހަތް މެޗުން ލިބުނު 17 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައި
 
ޖަރުމަން އޮތީ ކުޅުނު ހަތް މެޗުން ލިބުނު 21 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައި

ވޯލްޑްކަޕް ކޮލިފައިންގައި  އިންގްލޭންޑް ބޮޑު ތަފާތަކުން މޮޅުވިއިރު، ފަހުވަގުތު މެޓް ހުމެލްސް ކާމިޔާބު ކުރި ލަނޑުން ޖަރުމަން މޮޅުވެއްޖެ އެވެ.

ގްރޫޕް އެފްގައި ކުޅުނު މެޗުން އިންގްލޭންޑް މޮޅުވީ މަލްޓާއާ ވާދަކޮށް 0-4 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

މަލްޓާ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި އިންގްލޭންޑަށް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތައް ލިބި ބޭކާރުވެފައެވެ. އެގޮތުން ރަހީމް ސްޓާލިން އަދި ހެރީ ކޭން އަށް ލިބުނު ހުސް ފުރުސަތުތައް ހިމެނެއެވެ.

މެޗުގެ ފުރަތަމަ ހާފްގައި މަލްޓާއަށް ވެސް ވަނީ ލީޑު ނެގުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

އެހެން ނަމަވެސް ދެވަނަ ހާފްގައި އިންގްލޭންޑުން ވަނީ އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށް މަލްޓާގެ ހާފަށް ބާރު ބޮޑުކޮށްފައެވެ. އެގޮތުން 53 ވަނަ މިނެޓުގައި ޑެލެއަލީގެ އެހީތެރިކަމާއެކު ހެރީ ކޭން ވަނީ މެޗުގައި ލަނޑު ޖަހާފައެވެ.

މި ލަނޑަށްފަހު ވެސް އިންގްލޭންޑުން ދިޔައީ މަލްޓާގެ ހާފަށް ބާރު ބޮޑުކުރަމުންނެވެ. އެގޮތުން ޑެނީ ވެލްބެކް އަދި އޮކްސްލެޑް ޗެމްބަލިން އަށް ވަނީ ލީޑު ފުޅާ ކުރުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

އިންގްލޭންޑުން މެޗުގެ ލީޑު ފުޅާކުރީ 85 ވަނަ މިނެޓުގައި ހެންޑަސަންގެ އެހީތެރިކަމާއެކު ބާޓެންޑް ކާމިޔާބު ކުރި ލަނޑުންނެވެ. މެޗުގެ ފަހުވަގުތު އިންގްލޭންޑްގެ ފަރާތުންވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ.

އެގޮތުން މެޗުގެ އިތުރުވަގުތުގައި އެޓީމުން ވަނީ ދެ ލަނޑު ޖަހާފައެވެ. އިތުރުވަގުތުގައި ޖެހި ފުރަތަމަ ލަނޑު ހެރީ ކޭންގެ އެހީތެރިކަމާއެކު ޑެނީ ވެލްބެކް ކާމިޔާބުކުރިއިރު، ދެވަނަ ލަނޑު މާކަސް ރަޝްފަޑްގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ހެރީ ކޭން އެވެ.

މި ނަތީޖާއާއެކު އިންގްލޭންޑް އޮތީ ކުޅުނު ހަތް މެޗުން ލިބުނު 17 ޕޮއިންޓާއެކު ގްރޫޕްގެ  އެއްވަނައިގައި ހަމަޖެހިލާފައެވެ. މެޗުން ބަލިވި މަލްޓާ އޮތީ އެއްވެސް ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގައެވެ.

ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗުން ޖަރުމަން މޮޅުވީ ޗެކް ރިޕަބްލިކްއާ ވާދަކޮށް 1-2 ގެ ނަތީޖާއަކުންނެވެ.

ޗެކް ރިޕަބްލިކް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި ޖަރުމަނުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެސުތް އޮޒިލްގެ އެހީތެރިކަމާއެކު ޓިމޯ ވާނާ އެވެ.

މި ލަނޑަށް ފަހު ޖަރުމަނުން ދިޔައީ ބޯޅަ ކޮންޓްރޯލްކޮށް މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ލަނޑު ޖެހުމަށް ވެސް އެޓީމުން ދިޔައީ ފުރުސަތުތައް ތަނަވަސްކުރަމުންނެވެ. ޖަރުމަނުންގެ އިތުރުން ޗެކް ރިޕަބްލިކްއަށް ވެސް ވަނީ ފުރަތަމަ ހާފްގައި ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންގޮސްފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ޗެކް ރިޕަބްލިކްގެ މައްޗަށް ޖަރުމަން ކުރީގައި އޮވެގެންނެވެ.

އެހެން ނަމަވެސް ދެވަނަ ހާފް ފެށިގެން ޗެކް ރިޕަބްލިކުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް، ޖަރުމަންގެ ހާފަށް ބާރުބޮޑު ކޮށްފައެވެ. އެގޮތުން 78 ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑަރިޑާ އެވެ.

މި ލަނޑާއެކު ޖަރުމަނުން ވަނީ އެޓޭކްތައް އިތުރަށް ވަރުގަދަ ކޮށްފައެވެ. އެގޮތުން މެޗުގެ ފުރިހަމަވަގުތު ހަމަވާން ދެ މިނެޓަށް ވެފައިވަނިކޮށް ޓޯނީ ކްރޫޒްގެ އެހީތެރިކަމާއެކު މެޓް ހުމެލްސް ކާމިޔާބު ކުރި ލަނޑުން އެޓީމުން ވަނީ މެޗުގެ ލީޑު އަނބުރާ ހޯދާފައެވެ.

މި ނަތީޖާއާއެކު ޖަރުމަން އޮތީ ކުޅުނު ހަތް މެޗުން ލިބުނު 21 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގަ އެވެ. މެޗުން ބަލިވި ޗެކް ރިޕަބްލިކް އޮތީ ކުޅުނު ހަތް މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނައިގައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް