ކ. މާލެ
|
2 ސެޕްޓެންބަރ 2017 | ހޮނިހިރު 07:50
ސްނޯ އިންވެސްޓްމެންޓް ބައިބަލާ ޗެލެންޖްގެ ގުރު ނެގުމުގެ ތެރެއިން
ސްނޯ އިންވެސްޓްމެންޓް ބައިބަލާ ޗެލެންޖްގެ ގުރު ނެގުމުގެ ތެރެއިން
ނާފިއު ރަޝީދު
ލ.ގަން ބައިބަލާ ޗެލެންޖް
އަލްހާ އީދާ ގުޅުވައިގެން ބާއްވާ ސްނޯ އިންވެސްޓްމެންޓް ބައިބަލާ ޗެލެންޖްގެ ގުރު ނަގައިފި
 
މުބާރާތުގައި ބައިވެރިވީ ޖުމްލަ 8 ޓީމު

އަލްހާ އީދާ ގުޅުވައިގެން ލ.ގަމު އައިލެންޑް ސޮސައިޓީން އިންތިޒާމު ކޮށްގެން ބާއްވާ "ސްނޯ އިންވެސްޓްމެންޓް ބައިބަލާ ޗެލެންޖްގެ ގުރު ނަގައިފި އެވެ.

ޖުމްލަ 8 ޓީމު ވާދަކުރާ މި މުބާރާތުގެ ގުރު ނެގުން ކުރިޔަށް ގެންގޮސްފައި ވަނީ ލ.ގަމު ކައުންސިލް އިދާރާގައެވެ.

މުބާރާތުގެ ގުރު ނެގުމުގެ ރަސްމިއްޔާތުގައި ޓީމުތަކުގެ މެނޭޖްމަންޓާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވަމުން ބައިބަލާ އެސޯސިއޭޝަންގެ ހަޒާންދާރު މުހައްމަދު އަސްވަދު ވިދާޅުވީ، މި މުބާރާތަކީ އެ އެސޯސިއޭޝަންގެ ފުރިހަމަ އެއްބާރުލުމާއެކު ކުރިޔަށްދާނެ މުބާރާތެއް ކަމަށާއި، ކުރިޔަށް އޮތް ތަނުގައި ހުރިހާ ހިސާބަކަށް ވެސް މުބާރާތްތައް ބޭއްވުމަށް އެއްބާރުލުން ދެމުން ގެންދާނެ ކަމަށެވެ.

އަސްވަދު ވިދާޅުވީ، މާލޭގައި ބާއްވާ ބައިބަލާ މުބާރާތަކީ މިހާތަނަށް މާލޭގައި ބޭއްވޭ މުބާރާތެއް ނަމަވެސް ފަހުގެ ތާރީހެއްގައި އެ މުބާރާތް އަތޮޅު ތެރޭގައި ބޭއްވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި މާލޭގައި ބާއްވާ މުބާރާތްތަކުން ފެންނަ ހުނަރުވެރި ކުޅުންތެރިންނަކީ ވެސް އަތޮޅު ތެރޭގެ ރަށްރަށަށް ނިސްބަތްވާ ކުޅުންތެރިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ނީނިއާ ރެފްރީ އަލީ ސަލީމް ވިދާޅުވީ މި މުބާރާތަކީ މިހާތަނަށް މާލޭގެ އިތުރުން އަތޮޅު ތެރޭގައި ބޭއްވޭ އެންމެ ބޮޑު މުބާރާތް ކަމަށާއި، ކުރިޔަށް އޮތްތަނުގައި މި މުބާރާތް މުޅި ރާއްޖެއަށް ފުޅާވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މި މުބާރާތުގައި ވާދަކުރާ ޓީމުތަކަކީ ގޯޅި ސްޕޯޓްސް ކްލަބް، ޕައިރޭޓްސް ޖޫނިއާސް، މުކުރިމަގު އަންޑަ ގްރައުންޑް، ޕައިރޭޓްސް ލެޖެންޑް، މުކުރިމަގު ނިއު ޖެނެރޭޝަން، ޕައިރޭޓްސް ސްޕާޓަންސް، ގޯޅި ބޯއިސް އަދި ޕައިރޭޓްސް އެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިޔަށްގެންދާ މި މުބާރާތް ކުރިޔަށް ދާނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމެއް ސެމީ ފައިނަލަށް ދަތުރު ކުރާގޮތަށެވެ. ގްރޫޕް ސްޓޭޖުގެ އެއްވެސް މެޗެއް ގަދަ ހިފުން ހިފަން ނުޖެހޭއިރު، ސެމީ ފައިނަލުން ފެށިގެން ކޮންމެ މެޗެއްގައި ވެސް ނަތީޖާ ނެރުމަށް ގަދަ ހިފުން ހިފަން ޖެހެއެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހެޅިފައިވާ މި މުބާރާތުގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 8:30 ގައި ގަމު ބައިބަލާ ކޯޓުގައެވެ. މުބާރާތް މި މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް