ކ. މާލެ
|
1 ސެޕްޓެންބަރ 2017 | ހުކުރު 18:43
އިބްރާހިމް އިސްމާއިލް - އިބްރާ ވަނީ މަޝްވަރާތައް ކުރިއަށްގެންދަންޖެހޭނީ ލައިވް ޓީވީގައިކަމަށް ވިދާޅުވެފަ
އިބްރާހިމް އިސްމާއިލް - އިބްރާ ވަނީ މަޝްވަރާތައް ކުރިއަށްގެންދަންޖެހޭނީ ލައިވް ޓީވީގައިކަމަށް ވިދާޅުވެފަ
އެމްޑީޕީ
ސިޔާސީ ޕާޓީތަކުގެ މަޝްވަރާ
ސަރުކާރާ މަޝްވަރާކުރާނަމަ ކުރަންޖެހޭނީ ލައިވް ޓީވީގައި: އިބްރާ
 
ނަމަވެސް ސަރުކާރުން ވަނީ ޝަރުތެއްގެ ގޮތުގައި ޖަލަށްލާފައިވާ ޕާޓީތަކުގެ ލީޑަރުންނާއި ވާހަކަ ނުދައްކާނެކަމަށް ބުނެފަ
 
ބުދަ ދުވަހު ސަރުކާރުން ވަނީ އެއްވެސް ޝަރުތެއް ނެތި މަޝްވަރާއަށް އައުމަށް އިދިކޮޅު ފަރާތްތަކަށް ދައުވަތުދީފަ
 
އެކަން ކުރަންޖެހޭނީ ދައްކާ ވާހަކައެއް ވަންހަނާނުކޮށް، ރައްޔިތުންނަށް އަޑުއިވޭ ވަރަށް

އިދިކޮޅު ފަރާތްތަކުން ސަރުކާރާއެކު މަޝްވަރާތައް ކުރިއަށް ގެންދާނަމަ އެކަން ކުރަންޖެހޭނީ ލައިވް ޓީވީގައިކަމަށް ޤާނޫނު އަސާސީ ޑްރާފްޓްކުރި ކޮމެޓީގެ މުޤައްރިރު އިބްރާހިމް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް ގިނަ ދުވަސްތަކެއްވަންދެން ކުރައްވާފައިވާ އިބްރާހިމް އިސްމާއިލް އެފަދައިން ވިދާޅުވީ، ސަރުކާރުން އަނެއްކާވެސް މަޝްވަރާއަށް ގޮވާލައިފައިވުމުން އެކަމަށް އިޝާރަތްކުރައްވާ ކުރެއްވި ޓުވީޓެއްގައެވެ. އިބްރާ ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ސަރުކާރާއެކު މަޝްވަރާ ކުރާކަމުގައިވާނަމަ އެކަން ކުރަންޖެހޭނީ ލައިވް ޓީވީގައި ކަމަށާއި، ރައްޔިތުންނަށް އަޑު އިވޭވަރަށް ކަމަށެވެ. އަދި އެކަން ކުރަންޖެހޭނީ ދައްކާ ވާހަކައެއް ވަންހަނާނުކޮށްކަމަށް އިބްރާ ވިދާޅުވިއެވެ.

"އިދިކޮޅު ފަރާތްތަކުން ސަރުކާރާ ވާހަކަދައްކާނަމަ އެކަން ކުރަންވާނީ ލައިވް ޓީވީގައި. ރައްޔިތުންނަށް އިވޭ ވަރަށް. ދެއްކޭ ވާހަކައެއް ވަންހަނާ ނުކޮށް." އިބްރާހިމް އިސްމާއިލް ޓުވިޓާގައި ވިދާޅުވެފައިވެއެވެ.

އިބްރާހިމް އިސްމާއިލް އެފަދައިން ވިދާޅުވެފައިވާއިރު، ސަރުކާރުން ވަނީ މިގެކުރިން އިދިކޮޅު ފަރާތްތަކާއެކު މަޝްވަރާގައި އެއްބަސްވި ބައެއް ކަންތައްތަކަށް އެއްބަސްވެފައިނުވާނެކަމަށް ބުނެ ދޮގުހަދާފައެވެ. އަދި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއެކު 2015 ވަނަ އަހަރުގެ ޖުލައި މަހު ކުރިއަށްގެންދިޔަ މަޝްވަރާއަކީ، ސަރުކާރުން ދެއްކި ވާހަކައެއް ނޫންކަމަށާއި، އެއީ އަދީބާ ދެއްކެވި ވާހަކައެއްކަމަށް ބުނެފައިވެއެވެ. ނަމަވެސް އަދީބް އޭރު ހުންނެވީ ސަރުކާރުގެ އެންމެ ބާރުގަދަ ވަޒީރުގެ ގޮތުގައެވެ. 2015 ވަނަ އަހަރު ސަރުކާރުން މަޝްވަރާތައް ފެށުމަށްފަހު އިދިކޮޅު ފަރާތްތަކަށް "ލަނޑުދިނުމާއި" ގުޅިގެން އިދިކޮޅު ފަރާތްތަކުން އޭގެ ފަހުން މަޝްވަރާތަކުގައި ބައިވެރިވެފައެއް ނުވެއެވެ.

ބުދަ ދުވަހު ރައީސް އޮފީހުން ޕާޓީތަކަށް ފޮނުވި ސިޓީއެއްގައި ބުނީ ސިޔާސީ ގޮތުން އޮތް ޚިޔާލު ތަފާތުވުންތައް ނައްތާލައި، ގައުމު ތަރައްގީކުރުމާއި ގައުމު ބިނާކުރުމުގެ މަސައްކަތް ހަލުއި ކުރުމާއި ރައްޔިތުންގެ އެއްބައިވަންތަކަން އިތުރުކުރުމަށްޓަކައި ސަރުކާރުން އިސް ނަގައިގެން މަޝްވަރާ އަށް އެކި ފަހަރުގެ މަތިން ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެކަމަކު އެ މަޝްވަރާ ކުރިއަށް ނުގެންދެވުނީ އިދިކޮޅު ފަރާތްތަކުން ޝަރުތުތައް ކުރިމަތިކުރުވުމުން ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ. އެހެންކަމުން އެއްވެސް ޝަރުތަކާއިނުލާ މަޝްވަރާތަކުގައި ބައިވެރިވުމަށް ސަރުކަރުން ވަނީ އިދިކޮޅު ފަރާތްތަކަށް ގޮވާލާފައެވެ. އެއްވެސް ޝަރުތެއް ނެތި މަޝްވަރާކުރުމަށް ދައުވަތު ދިނުމަށްފަހު، ސަރުކާރުން ވަނީ އިދިކޮޅު ޕާޓީތޔަކުގެ ލީޑަރު މަޝްވަރާތަކުގައި ބައިވެރިކުރުމަށް ނުކުރާނެކަމަށް ބުނެފައެވެ.

ސަރުކާރުން ބުދަ ދުވަހު އިދިކޮޅު ފަރާތްތަކަށް ދިން ދައުވަތާއި ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން އަދި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
0%
100%
0%
0%
0%
0%
ކޮމެންޓް