ކ. މާލެ
|
1 ސެޕްޓެންބަރ 2017 | ހުކުރު 00:41
ގާނޫނީ ވަކީލުން ކަމަށްވާ މުހައްމަދު ނިޝާން އިބްރާހީމް އާއި ހަނީފާ ހާލިދު --
ގާނޫނީ ވަކީލުން ކަމަށްވާ މުހައްމަދު ނިޝާން އިބްރާހީމް އާއި ހަނީފާ ހާލިދު --
އަބުދުﷲ ނަސީރު އިބްރާހިމް
ފަލަ ސުރުހީ
އަދުލް އިންސާފުގެ ދާއިރާ މިހާރު ހިނގަމުންދަނީ ކުރިއަށްވުރެ ވެސް ގޯސްކޮށް: ގާނޫނީ ވަކީލުން
 
ދިފާއީ ހެކިބަސް ގަބޫލު ނުކުރުން މިހާރަކަށް އައިސް ވަރަށް ގިނައިން ފެންނަމުންދޭ
 
ގާނޫނީ ވަކީލުން ވަނީ "ދުސްތޫރީ ފަސާނާ"ގެ ނަމުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހިންގަން ނިންމާފައި
 
އަދުލް އިންސާފުގެ ދާއިރާ އިސްލާހު ކުރުމަށް 56 ގާނޫނީ ވަކީލެއް ސޮއިކޮށް ވަނީ ޕެޓިޝަނެއް ތައްޔާރުކޮށްފަ

ދިވެހި ޖުމްހޫރިއްޔާގެ އައު ގާނޫނުއަސާސީއަށް އަމަލުކޮށް، އިސްލާމީ ޝަރީއާ އާއި ޑިމޮކްެރެސީގެ އުސޫލުން ރާއްޖެ ހިންގުމަށް ގާނޫނުއަސާސީއާއި ގާނޫނުތަކުން ބަޔާންކޮށްފައިވާއިރު، ރާއްޖޭގެ އަދުލް އިންސާފުގެ ދާއިރާ ހިނގަމުން އަންނަނީ އާގާނޫނުއަސާސީއަށް އަމަލު ކުރަން ފެށުމުގެ ކުރިން ހިނގިގޮތަށް ވުރެ ވެސް ގޯސްކޮށް ކަމަށް ރާއްޖޭގެ  ބައެއް ގާނޫނީ ވަކީލުން ވިދާޅުވެއްޖެ އެވެ.

ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި އަދުލްއިންސާފުގެ ދާއިރާ އިސްލާހުކުރުމަށް މަސައްކަތް ކުރުމަށް ތައްޔާރުކުރި ޕެޓިޝަންގައި ސޮއި ކުރެއްވި ރާއްޖޭގެ ގާނޫނީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރައްވާ ވަކީލުންގެ ތެރެއިން 56 ގާނޫނީ ވަކީލަކު ވަނީ ސުޕްރީމް ކޯޓަށް އެ ޕެޓިޝަން ހުށަހަޅުއްވާފަ އެވެ. ނަމަވެސް އެ ޕެޓިޝަން ސުޕްރީމް ކޯޓުން ވަނީ ބަލައިގަތުމަށް ދެކޮޅު ހަދާފައެވެ.

އެ ގާނޫނީ ވަކީލުން ވަނީ ރާއްޖޭގެ ރައްޔިތުން ހޭލުންތެރި ކުރުމާއި ރާއްޖޭގެ ކަންކަން އިސްލާކުރެވެންދެން ކުރިއަށް ގެންދަން ނިންމާފައިވާ "ދުސްތޫރީ ފަސާނާ"ގެ ނަމުން ޕްރޮގްރާމެއް ފެށުމަށް ނިންމާފަ އެވެ.

 ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެންނެވި، މުހައްމަދު ނިޝާން އިބްރާހީމް އަދި ހަނީފާ ހާލިދު ވިދާޅުވީ ރާއްޖޭގެ އަދުލް އިންސާފުގެ ދާއިރާ އާއި މެދު ރައްޔިތުން ޝައްކު އުފައްދާ ކަމަށެވެ.

ނިޝާން ވިދާޅުވީ ރާއްޖޭގެ ދުސްތޫރީ ނިޒާމު ބިނާކުރެވިފައިވާ ގޮތަށް ބަލާއިރު ބެހިފައި ވަނީ ތިން ބާރުގެ މައްޗަށް ކަމަށެވެ. އެގޮތުން އަދުލްއިންސާފު ގާއިމު ކުރުމުގެ ބާރު ގާނޫނުއަސާސީ އިން ދީފައި ވަނީ ޖުޑިޝަރީއަށް ކަމަށެވެ.

"ދިވެހ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ މައިގަނޑު ގޮތެއްގައި ތިން ބަޔަކަށް ބަހާފައި އޮތްއިރުގައި އަދުލްއިންސާފު ގާއިމު ކުރުމުގެ ބާރު ޖުޑިޝަރީ މައްޗަށް ދޫކުރެވިފައިވާއިރު، ޖުޑިޝަރީއަކީ އެކަމުގައި މައިގަނޑު މަސްއޫލިއްޔަތު ނެގުމަށް ގާނޫނުއަސާސީން ލާޒިމްކޮށްފައިވާ ފަރާތް... ކީރިތި ޤުރްއާނުގައި ވަހީކުރައްވާފައިވޭ، ހަމަ ކަށަވަރުން އަދުލްވެރިވުމާއި އިހުޝާންތެރިވުމުގެ މައްޗަށް އެއްބަޔަކު އަނެއް ބަޔަކު އެހީތެރިވެ ވާގިވެރިވުމަށް އަމުރު ކުރައްވާފައިވޭ. އެ މަފްހޫމް އަޅުގަނޑުމެންގެ ތެރޭގައި އޮވެމެ، ނަމަވެސް އެމަފްހޫމާ އެއްގޮތަށް ކަންކަން ނުދާކަމަށްވާނަމަ އެއީ ވަރަށް ހިތާމަހުރިކަމެއް،" ނިޝާން ވިދާޅުވި އެވެ.

ކުރިން ދައުލަތުގެ ބަންޑާރަ ނައިބުގެ އޮފީހާއި ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުގައި އަދި އިލެކްޝަންސް ކޮމިޝަނުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވީ ގާނޫނީ ވަކީލު ހަނީފާ ހާލިދު ވިދާޅުވީ އައު ގާނޫނުއަސާސީ އަމަލު ކުރަން ފެށުމުގެ ކުރިން އަދުލްއިންސާފުގެ ދާއިރާއިން ވަކި އުސޫލްތަކަކާއި ހަމައެއް ހިފަހައްޓާފައިވީ ނަމަވެސް މިހާރު އެކަން ނެތް ކަމަށެވެ. ކުރިއަށް ވުރެވެސް އަދުލްއިންސާފުގެ ދާއިރާގެ މިހާރު ގޯސްކަމަށް ހަނީފާ ވިދާޅުވި އެވެ.

"ގާނޫނުއަސާސީގައި ހުރި ހުރިހާ ހައްގުތަކަކާއި މީހުން ހިފާ ހައްޔަރު ކުރެވޭނެ ގޮތާއި ޝަރީއަތް ކުރާނެ ގޮތާއި އަދި އެގާނޫ ނުއަސާސީގެ ދަށުން އުފެދިފައިވާ ގާނޫނުތަކުން ޝަރީއަތް ހިންގުމުގައި އަމަލު ކުރަންޖެހޭ ގޮތްތައް ކަނޑައަޅައި ބަޔާންކޮށްދީފައިވާއިރު، 2015 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އަދުލްއިންސާފުގެ ދާއިރާ އެންމެ ކުރިއަށްވުރެ ވެސް ގޯސްކޮށް ހިނގާކަމަށް ގަބޫލު ކުރެވޭ،" ހަނީފާ ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
20%
0%
80%
0%
0%
ކޮމެންޓް