ކ. މާލެ
|
31 އޯގަސްޓް 2017 | ބުރާސްފަތި 18:58
ޝައިޚް ޑޮކްޓަރ ސަޢްދު ބިން ނާސިރު ބިން އަބްދުލްއަޒީޒް އައްޝަތްރީ ޚުތުބާ ދެއްވަނީ
ޝައިޚް ޑޮކްޓަރ ސަޢްދު ބިން ނާސިރު ބިން އަބްދުލްއަޒީޒް އައްޝަތްރީ ޚުތުބާ ދެއްވަނީ
ގޫގުލް
ހައްޖު 1438
ޙައްޖު ޚުތުބާ: މަޒްހަބީ ޚިލާފުތަކާއި މުޖުތަމައުގެ ފަސާދައިން ދުރުވޭ
 
ފަލަސްޠީނުގައި ޔަހޫދީން ހިންގަމުންދާ ޖަރީމާތައް ކުށްވެރިކުރެއްވި
 
ދީނީ ކަންކަމުގައި މެދުމިން އިޚްތިޔާރު ކުރުމަށް ގޮވާލެއްވި
 
ހަރުކަށި ތަކްފީރީ ޚިޔާލުތައް ދޫކޮށްލުމަށް ގޮވާލެއްވި

މުސްލިމުންގެ މެދުގައި އުފެދިފައިވާ މަޒްހަބީ ޚިލާފުތައް ނައްތާލައި، މުޖްތަމައުގެ ފަސާދައިން ދުރުވުމަށް ޙައްޖު ޚުތުބާގައި ނަސޭޙަތްތެރިވެއްޖެއެވެ.

ބުރާސްފަތި ދުވަހު އަރަފާތު ބިމުގައި މި އަހަރުގެ ޙައްޖު ޚުތުބާ ދެއްވަމުން، ޝައިޚް ޑޮކްޓަރ ސަޢްދު ބިން ނާސިރު ބިން އަބްދުލްއަޒީޒް އައްޝަތްރީ ވަނީ އެއް މުސްލިމަކު އަނެއް މުސްލިމަކަށް އޯގާތެރިވުމަށާއި، އިޚުތިރާމް ކުރުމަށް ނަސޭހަތްތެރި ވެލައްވާފައެވެ. އަދި އަސްލު އިސްލާމް ދީނުގެ ނަމުގައި މުސްލިމުންގެ ތެރޭގައި ފެތުރެމުންދާ ހަރުކަށި ތަކްފީރީ ޚިޔާލުތައް ދޫކޮށްލުމަށާއި، ދީނުގެ ނަމުގައި އެކި ކަންކަމުގައި ހަރުކަށި ނުވުމަށާއި ދީނީ ކަންކަމުގައި މެދުމިން އިޚްތިޔާރު ކުރުމަށް ޝައިޚް ގޮވާލެއްވިއެވެ. އަދި މި ހަރުކަށި، ލާއިސްލާމީ ވިސްނުންތަކުގެ ސަބަބުން މުސްލިމުންގެ މެދުގައި އުފެދިފައިވާ މަޒްހަބީ އަދި ތާއިފީ ޚިލާފްތަކުން ދުރުވެ، އިސްލާމީ އުއްމަތުގެ މުޖްތަމަޢުތައް ފިތުނަ އާއި ފަސާދައިން ސަލާމަތް ކުރުމަށް ހުރިހާ މުސްލިމުންނަށް ޝައިޚް އިލްތިމާސް ކުރެއްވިއެވެ.

އިސްލާމީ ދުނިޔޭގެ އަމަން އަމާންކަން ނަގައިލުމަށް، އެކި ނަންނަމުގައި މުސްލިމުންގެ ތެރެއިން އެކި ފަރާތްތަކާއި، އެހެނިހެން ފަރާތްތަކުން ކުރަމުންގެންދާ މަސައްކަތްތަކަކީ އިސްލާމް ދީނުގައި ހަރުކަށިކޮށް ނަހީ ކުރައްވާފައިވާ ކަންތައްތައްކަން ހަނދާން ކޮށްދެއްވާ، ޝައިޚް ވަނީ އިސްލާމް ދީނުގައި މުސްލިމުންގެ ރައްކާތެރިކަމާއި އަމަނާއި ސަލާމަތަށް ދެއްވާފައިވާ އަހައްމިއްޔަތު ފާހަގަ ކުރައްވާފައެވެ.

ފަލަސްޠީނުގައި ޔަހޫދީން ހިންގަމުންދާ ޖަރީމާތައް ކުށްވެރި ކުރައްވާ، މުސްލިމުންގެ އެންމެ މުޤައްދަސް ބިންތައް ކަމުގައިވާ މައްކާ އާއި މަދީނާ ފަދައިން ހަމަ އެފަދަ ޤަދަރެއް ލިބިފައިވާ މަސްޖިދުލް އަޤްސާވެސް މާތް ﷲ ރައްކާތެރި ކުރައްވާނެ ކަމަށް ޝައިޚް ވިދާޅުވިއެވެ. ހަމަ މިއާއި އެކު ޔަހޫދީން ނިގުޅައިގެންފައިވާ ފަލަސްޠީނު ރައްޔިތުންގެ ހައްޤުތައް ހިމާޔަތް ކުރުމަށް އިސްލާމީ މުޖުތަމައުގެ މައްޗަށް އޮތް ޒިންމާއަށް ޝައިޚް އަލިއަޅުއްވާލެއްވިއެވެ.  

ކީރިތި ރަސޫލާ (ސލވ)ގެ ދުވަސްވަރު ހައްޖަތުލްވަދާއުގައި އެކަލޭގެފާނު ހައްޖުކުރެއްވި ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވައި ޝައިޚް ވަނީ ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތަކީ އެކަލޭގެފާނު މުސްލިމުންނަށްޓަކައި ދޫކުރެއްވި އެއްޗެއްކަން ހަނދުމަކޮށްދެއްވާ، އެއާއި އެއްގޮތަށް އަމަލުކުރުމަށް ހުރިހާ މުސްލިމުންނަށް ގޮވާލައްވާފައެވެ.

ޙައްޖާއި އަރަފާތު ދުވަހުގެ މާތްކަމަށް އަލިއަޅުވާލައްވައި، ޝައިޚް ވަނީ  މަބްރޫރު ހައްޖެއް ކޮށްފި މީހަކަށް ސީދާ ސުވަރުގެ ދެއްވާނެކަން ކީރިތި ރަސޫލާ އަންގަވާފައިވާކަން ހަނދުމަކޮށްދެއްވައި، އަރަފާތު ބިމުގައި ތިބެ އެއްކައުވަންތަ ﷲ އަށް ދުޢާކޮށް އަސްތަޣްފާރުކޮށް އިބްތިހާލްވުމަށް އިލްތިމާސް ކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
100%
0%
0%
0%
0%
ކޮމެންޓް