ކ. މާލެ
|
26 ސެޕްޓެންބަރ 2022 | ހޯމަ 13:34
ޓެރަރިޒަމް ދައުވާ އުފުލާފައިވާ މުހައްމަދު އަމީން
ޓެރަރިޒަމް ދައުވާ އުފުލާފައިވާ މުހައްމަދު އަމީން
ރާއްޖެއެމްވީ
އަމީންގެ މައްސަލަ
އަމީނަށް ކުރާ ދައުވާ: "ސެންސިޓިވް" ވާހަކަތަކެއް ދިފާއުން ދައްކަން ބޭނުންވާތީ އަޑުއެހުން ސިއްރު
 
އަޑުއެހުން ސިއްރު ކޮށްފައިވަނީ މި މައްސަލައިގެ ދިފާއީ ވަކީލު ހުށައެޅުއްވި ސިޓީއަކާއި ގުޅިގެން
 
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ޙަސަން ސައީދު

ޓެރަރިސްޓް ޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި މުހައްމަދު އަމީނަށް ކުރާ ދައުވާގެ ހޯމަ ދުވަހުގެ އަޑުއެހުން ސިއްރު ކޮށްފިއެވެ.

މި އަޑުއެހުން ތާވަލު ކޮށްފައި އޮތީ ހޯމަ ދުވަހުގެ މެންދުރު 13:00 އަށެވެ. އެހެންނަމަވެސް، އަޑުއެހުން ސިއްރު ކޮށްފައިވަނީ މި މައްސަލައިގެ ދިފާއީ ވަކީލު ހުށައެޅުއްވި ސިޓީއަކާއި ގުޅިގެންނެވެ.

މި މައްސަލައިގެ ދިފާއީ ވަކީލު ވަނީ މި އަޑުއެހުމުގައި "ސެންސިޓިވް" ވާހަކަތަކެއް ދައްކަން ބޭނުންވާތީ އަޑުއެހުން ސިއްރު ކޮށްދިނުމަށް އެދިފައެވެ. ދިފާއީ ވަކީލުގެ މި އެދިލެއްވުމުގެ މަތިން މައްސަލަ ބައްލަވާ ގާޒީ ނިންމެވީ ހޯމަ ދުވަހުގެ އަޑުއެހުން ސިއްރު ކުރުމަށެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ޙަސަން ސައީދެވެ.

އަމީންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުންތައް ކުރިއަށް މިގެންދަނީ އޭނާގެ ދައުވާތައް ހައިކޯޓުން ބާތިލުކުރީ ރަނގަޅަށް ނޫންކަމަށާއި، އެ މައްސަލަ ކްރިމިނަލް ކޯޓުގައި ބަލަމުންދިޔަ ހިސާބުން ކުރިއަށް ގެންދިއުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ޙުކުމް ކުރެއްވުމާއި ގުޅިގެންނެވެ. އަމީނުގެ ދައުވާތައް ބާތިލުކުރުމަށް ހައިކޯޓުން ނިންމާފައިވާގޮތާމެދު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހިތްހަމަ ނުޖެހޭތީ އެ ގަޒިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްގެން، އެ ދައުވާތައް ބާތިލުކުރީ ރަނގަޅަށް ނޫންކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހުކުމްކޮށްފައެވެ.

އަދި އަމީންގެ މައްސަލަ ކްރިމިނަލް ކޯޓުގައި އޭރު ބަލަމުން ދިޔަ ހިސާބުން ކުރިއަށް ގެންދިއުމަށް ވެސް ހުކުމުގައި ބަޔާން ކޮށްފައިވެއެވެ. އެއާއެކު މި މައްސަލައިގެ އަޑުއެހުންތައް އައު ގަޒިއްޔާ ނަންބަރަކާއެކު އަނެއްކާވެސް ކޯޓުގައި މިވަނީ ފަށާފައެވެ.

ދައުލަތުން ބުނެފައިވަނީ އަމީނަކީ އިސްލާމިކް ސްޓޭޓްގެ ދިވެހިރާއްޖޭގައި ހުންނަ ލީޑަރުގެ ގޮތުގައި ހަރަކާތްތެރިވެ، ދީނީ ވަކި ފިކުރެއް ކުރިއަރުވަން މަސައްކަތްކުރި މީހެއް ކަމަށެވެ.

އަދި ބޭރުގެ ހަނގުރާމަތަކަށް މީހުން ފޮނުވުމަށް ރެކްރޫޓް ކުރާ ކަމަށާއި، އެގޮތުން އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އައިއެސްގެ ޚުރަސާންގެ ދިވެހިރާއްޖޭގެ ސެލްގެ ވެރިއެއްގެ ގޮތުން މީހަކު އެގައުމަށް ފޮނުވި ކަމަށެވެ. އެއީ 2018 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 21 ވަނަ ދުވަހު ކަމަށް ވެސް ދައުލަތުން ބުނެފައިވެއެވެ.

އަދި ދިވެހިން ރެކްރޫޓް ކުރުމުގެ މަސައްކަތުގެ ތެރެއިން ޚުރަސާންގައި ގާއިމްވުމުން އިތުރު ދިވެހިން އެ ގައުމަށް ހަނގުރާމަކުރުމަށް ފޮނުވުމަށް އޭނާ ރާވާފައިވާ ކަމަށް ވެސް ވަކީލާ ވިދާޅުވިއެވެ.

އަމީން އަކީ އެމެރިކާއިން ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާ މީހުންގެ ލިސްޓުގައި ހިމެނުނު ފުރަތަމަ ދިވެއްސެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި